ޑރ. މުހައްމަދު މުއިއްޒު

4000 ފްލެޓްގެ މަސައްކަތް ބައްލަވާލައްވައިފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކުރިއަށް ގެންދިޔަ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން އިމާރާތްކުރަން ފެށި 4،000 ފްލެޓްގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްލަވާލައްވައިފި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދަމުންދާ އިމާރާތްތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ރައީސް މިއަދު އެ ސަރަަހައްދަށް ވަޑައިގަތުމުން ރައީސްއަށް މަރުހަބާ ވިދާޅުވީ ބައެއް ވަޒީރުންނާއި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އިސްވެރިންނާއި ފްލެޓްތައް އިމާރާތް ކުރާ އިންޑިއާގެ ދެ ކުންފުނީގެ އިސްވެރިންނެވެ.

މިޒިޔާރަތުގައި ރައީސް ވަނީ ފްލެޓްތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު އޮޅުންފިލުއްވާފަ އެވެ.

ގެދޮރުވެރިޔާ ސްކީމުގައި ހިމެނޭ 4،000 ފްލެޓް ލިބޭ ބައެއް މީހުންގެ ތެރެއިން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ތެރެއިން ފްލެޓް ލިބިފައިވާ ބައެއް މީހުން ހިމެނޭތީ އެފަދަ މީހުންނަށް ގެދޮރުވެރިޔާ ސްކީމުން ފްލެޓް ނުލިބޭނެ ކަމަށް ހައުސިން މިނިސްޓްރީން މިހާރު ގެންދަނީ އަންގަމުންނެވެ.


ރައީސް ސޯލިހްގެ ސަރުކާރުން 4،000 ފްލެޓް ލިބޭ މީހުން ކަނޑައަޅާފައި އޮއްވާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ އެ ލިސްޓް މުރާޖައާކޮށް މިދިޔަ އޭޕްރީލް މަހު އާ ލިސްޓެއް ނެރެފަ އެވެ. ނަމަވެސް އާ ލިސްޓަށްވެސް ގިނަ ޝަކުވާތަކެއް ހުށަހަޅާފައި ވަނިކޮށް މިސަރުކާރުން މިހާރު ވަނީ ރައީސް ސޯލިހްގެ ސަރުކާރުން އެކުލަވާލި ލިސްޓްގައި ހިމެނޭ ޝަރުތު ހަމަވާ މީހުންނަށް ފްލެޓް ދޭން ނިންމާފަ އެވެ.

އެފްޑީސީ ފްލެޓްތަކުގެ ހުލާސާއެއް

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ގެދޮރުވެރިޔާ ސިޔާސަތުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ހަވާލުކޮށްގެން ހުޅުމާލޭގައި ހަދަމުންދާ 4،000 އެޕާޓްމަންޓްގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ގޮތުގައި 650 އަކަފޫޓުގެ 1،200 އެޕާޓްމަންޓާއި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ގޮތުގައި 900 އަކަފޫޓްގެ 2،800 އެޕާޓްމަންޓެވެ.

އެފްޑީސީ އިން މި މަސައްކަތް ކުރިއަށް ގެންދަނީ ދެ މަޝްރޫއެއްގެ ގޮތުގައި އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއުގެ ދަށުން އިންޑިއާގެ ދެ ކުންފުނި ކަމަށްވާ ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޯޕަރޭޝަން (އެންބީސީސީ) އިން 2،000 ފްލެޓް އަދި ކަލްޕަތާރޫ ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް) އިން 2،000 ފްލެޓް ހަދާނެ އެވެ. ކޭޕީއައިއެލްގެ ފްލެޓްތަކަށް ކިޔަނީ "އަމާން އުދަރެސް" އެވެ. އެންބީސީސީގެ ފްލެޓްތަކަށް ކިޔަނީ "އަމާން ދޯދި" އެވެ.

ކޮންމެ މަޝްރޫއެއްގައި 16 ޓަވަރު -- ޖުމްލަ 32 ޓަވަރު އިމާރާތްކުރާނެ އެވެ. އަދި ދެ ކޮޓަރީގެ ޔުނިޓްތަކަށް ހާއްސަކުރެވިފައިވާ ޓަވަރުތަކާއި، ތިން ކޮޓަރީގެ ޔުނިޓްތަކަށް ހާއްސަކުރެވިފައިވާ ޓަވަރުތައް މިމަޝްރޫއުގައި ހިމެނެ އެވެ. މިއިން ކޮންމެ މަޝްރޫއުއެއްގައި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1400 ޔުނިޓް އަދި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 600 ޔުނިޓް ހިމެނެ އެވެ.