ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދަ ޑިމޮކްރެޓްސްގެ ބޭފުޅުން އަލުން އެމްޑީޕީއަށް ސޮއި ކުރުމަށް ޖަލްސާއެއް ބާއްވަން ސަރުކާރުން އެއްވެސް ތަނެއް ދޫކޮށްފައި ނުވާ ކަމަށް ބުނާތީ އެ ތުހުމަތު ސަރުކާރުން ދޮގުކޮށްފި އެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރީގެ ރައީސް ނަޝީދުއާއި ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ ގިނަ ބޭފުޅުންތަކެއް އެމްޑީޕީއާއި އަލުން ގުޅުމަށް ހަފްލާއެއް ބޭއްވުމަށާއި އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އެކި ހަރަކާތްތައް ބޭއްވުމަށް ތަނެއް ހަމަޖެއްސުމަށް ކުރި މަސައްކަތަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހުރަސް އަޅަމުން ގެންދާ ކަމަށެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ ހަފްލާތައް ބޭއްވުމަށް މިހާތަނަށް އެއްވެސް ތަނެއް ހަމަޖެހިފައިނުވާތީއާއި މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ތަނެއް ހަމަނުޖައްސައިދީފިނަމަ މުލީއާގޭ ކަންމަތީގައި އެ ހަފްލާތައް ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
"ވީމާ މި ޖަލްސާތަކާއި ހަފްލާތައް ބޭއްވުމަށް ސަރުކާރުން އިތުރު ތަނެއް ހަމަޖައްސަވައި ނުދެއްވާނަމަ އެމްޑީޕީއަށް ތާއިދުކުރައްވާ އެންމެހާ ބޭފުޅުން މި މަހުގެ 23 ވަނަ ދުވަހުގެ ރޭ 9 ޖަހާއިރު މުލިއާގޭ ކަންމައްޗަށް ވަޑައިގެން ދެއްވުމަށް ދައުވަތު އަރުވަމެވެ،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒުގެ ޕޯސްޓާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މިރޭ ވިދާޅުވީ ފުރިހަމަ ޑިމޮކްރެސީގެ އަސާސްތައް ރާއްޖޭގައި އަށަގެންނެވުމަށްޓަކައި އަދި ޑިމޮކްރެސީގެ ހަމަތައް ދެމެހެއްޓުމަށްޓަކައި ޒިންމާދާރު ސިޔާސީ ހަރަކާތްތައް ހިންގުމާއި، ގައުމަށްޓަކައި އަޑު އުފުލުމަކީ ނުހަނު ބޭނުންތެރިކަމެއް ކަމަށް ސަރުކާރުން ދެކޭ ކަމަށެވެ.
ކުރިން ހުއްދަ ނެގުމަކާ ނުލައި މީގެކުރިން އެއްވެއުޅުމުގެ ހުއްދަ އޮންނަނީ ހަމައެކަނި ކާނިވާ ސަރަހައްދުގައި އެކަންޏެވެ. ނަމަވެސް މިސަރުކާރުން އެކަން ބަދަލުކޮށްފައިވާކަން ފާހަގަކުރައްވަމުން ހީނާ ވިދާޅުވީ މިސަރުކާރުން ވާނީ ކާނިވާ ސަރަޙައްދުގެ އިތުރުން މާލޭ ހުޅަނގު ދެކުނު ހިއްކި ސަރަހައްދާއި، އުސްފަސްގަނޑާއި، ރަސްފަންނަކީވެސް ކުރިން ހުއްދަ ނެގުމަކާ ނުލައި ސިޔާސީ ހަރަކާތް ހިންގޭނެ ތަންތަން ކަމުގައި ކަނޑައަޅާފައި ކަމަށެވެ.
"އެހެންކަމުން މިގޮތަށް ކަނޑައެޅި، ފުރުސަތު ފުޅާކޮށްދެވިފައިވާ ކަންކަމާ ގުޅޭގޮތުން ރައްޔިތުންނަށް އޮޅޭފަދަ ގޮތަކަށް ސިޔާސީ ބޭފުޅުން ވާހަކަ ދެއްކުމުގެ ބަދަލުގައި ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމަކީ ޜޫލް އޮފްލޯ އާއި ޑިމޮކްރެސީގެ މި ނިޒާމު ދެމެހެއްޓުމުގެ ވަރަށް މުހިއްމު އަދި އެހާމެ ރިވެތި އަސާސެކެވެ." ހީނާ ވިދާޅުވި އެވެ.