ސާޖިދާ މުހައްމަދު

މެޑަމް ސާޖިދާ ރާއްޖެ ވަޑައިގެންފި

ޔުނައިޓަޑް އަރެބް އެމިރޭޓްސް (ޔޫއޭއީ) ގެ ދުބާއީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ރާއްޖެ ވަޑައިގެންފި އެވެ.

މެޑަމް ސާޖިދާގެ މި ދަތުރުފުޅަކީ މެކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި) ގެ 7 ވަނަ ސަމިޓު ޝަރަފުވެރިކޮށް ދެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ.

މިމަހުގެ 18 އިން 19 އަށް ކުރިއަށްދިޔަ މި ސަމިޓުގެ އިފްތިތާޙީ ސެޝަން އަދި ކޮމިޓީ ބައްދަލުވުމުގައި މެޑަމް ސާޖިދާ ބައިވެރިވެވަޑައިގެން ވަނީ ވާހަަކަފުޅު ދައްކަވާފަ އެވެ.

މިއަހަރުގެ ސަމިޓުގައި އެފްރިކާ އަދި އޭޝިޔާ ބައްރުގެ 14 ގައުމެއްގެ ފަސްޓް ލޭޑީސް ބައިވެރިވެވަޑައިގެންނެވި އެވެ.

ދަރިމައިވުމުގެ ސިއްޙަތާ ގުޅުންހުރި ތައައްސަބުތައް ނައްތާލުމާއި، އަންހެންކުދީންނަށް ތަޢުލީމުދިނުމަށް އެއްބާރުލުންދިނުމާއި، އަންހެނުން ބާރުވެރިކުރުމާއި ޞިއްޙީ ދާއިރާގެ މާހިރުން ލިބުމުގައި ހުރި ދަތިކަން ފޫބެއްދުމަށްޓަކައި އެ ދާއިރާއިން ޤާބިލުކަން އިތުރުކުރުމުގެ މައްޗަށް މި ސަމިޓުގައި ވަނީ މަޝްވަރާކޮށްފަ އެވެ.