ޕުޓިން

ޚާމަނާއީ އަވަހާރަކޮށްލުން އާދައިގެ ގޮތަކަށް ނުނަގާނަން: ޕުޓިން

އިޒުރޭލުން އީރާނަށް ދެމުންގެންދާ ހަމަލާތަކުގައި އެ ގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވާހަރަކޮށްލައިފިނަމަ އެކަން އާދައިގެ ގޮތަކަށް ނުނަގާނެ ކަމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން ވިދާޅުވެއްޖެ އެވެ.

މިކަން ރަޝިއާ އިން ވަރަށް ސީރިއަސްކޮށް ނަގާނެ ކަމަށް ރައީސް ޕުޓިން ވިދާޅުވެފައި މިވަނީ މެދުއިރުމަތީގެ ހަމަނުޖެހުންތައް އިތުރަށް ގޯސްވަމުންދާ ދަނޑިވަޅެއްގަ އެވެ.

ޕުޓިން ވިދާޅުވި ގޮތުގައި އީރާންގެ ވެރިކަން ބަދަލުކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ. އަދި އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުން ވެގެންދާނީ ބައިވަރު ނުބައި ކަންތައްތަކެއްގެ ފެށުން ކަމަށް ސިފަކުރެއްވި އެވެ.

އީރާނާއެކު މިދިޔަ ޖެނުއަރީ މަހު ސްޓްރެޓެޖިކް ޕާޓްނާޝިޕެއްގައި ސޮއިކުރި ރަޝިއާ އިން ވަނީ އިޒުރޭލުން އީރާނާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމައިގައި އެމެރިކާއިން އިތުރަށް ބައިވެރިވުމަށް ވިސްނަމުންދާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މިކަމުގެ ސަބަބުން ސަރަހައްދުގެ ހަމަޖެހުން ގެއްލި އިތުރަށް ނުރައްކާތެރި ހާލަތަކަށް ގޮސްދާނެ ކަމުގެ އިންޒާރުވެސް ރަޝިއާ އިން ދީފަ އެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް މީގެ ކުރިން ވަނީ ޚާމަނާއީ އަވަހާރަކޮށްލުމަކީ ވަރަށް ފަސޭހަކަމެއް ކަމަށާއި އޭނާ ފިއްލަވައިގެން ހުންނެވި ތަން އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެމެރިކާއިން މިހާރު އެކަން ކުރުމަށް އަދި ނިންމާފައި ނުވާ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.

ރަޝިއާގެ ރައީސް ޕުޓިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޮވް ވަނީ އިރާނުގެ ވެރިކަން ބަދަލުކުރުމަށް ނުވަތަ އެ ގައުމުގެ ވެރިންނަށް އިންޒާރު ދިނުމުގެ އެއްވެސް މަސައްކަތެއް ކުރުމަކީ 'ޕެންޑޯރާގެ ފޮށި ހުޅުވާލުން' ކަމަށް ވިދާޅުވެފަ އެވެ. އެއީ މެދުއިރުމަތީގައި އަދި އޭގެ ބޭރުގައިވެސް ހަމަޖެހުން ގެއްލިގެންދާނެ ކަމެއް ކަމަށް ވިދާޅުވެ ޕެސްކޮވް ވަނީ އިންޒާރު ދެއްވާފަ އެވެ.

މި ހުރިހާ ކަމެއް ދިމާވެފައިވަނީ އިޒުރޭލުގެ ޑިފެންސް މިނިސްޓަރު އިޒްރައެލް ކަޓްޒް ދެއްވި ބަޔާނަކާ ގުޅިގެންނެވެ. ކަޓްޒް ބުނެފައިވަނީ އިރާނަށް ދެމުންދާ ހަމަލާތަކުގެ މަގުސަދަކީ ހާމަނާއީ އަވާހަރަކޮށްލުން ކަމަށެވެ.

އިޒްރޭލުގެ ކަޓްޒްގެ ވާހަކައަށް ރައްދު ދެއްވަމުން ޕުޓިންގެ ތަރުޖަމާން ޕެސްކޮވް ވަނީ އިޒުރޭލުން ޚާމަނާއީ އަވަހާރަކޮށްލައިފިނަމަ އެކަމާ ރަޝިއާ އިން ކުރިމަތިލާނީ "ނެގަޓިވްކޮށް" ކަމަށާއި މިފަދަ އަމަލުތަކުގެ ސަބަބުން ސަރަހައްދީ ހަމަޖެހުމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.