ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ އިންޓަނޭޝަނަލް ޕަސެންޖާ ޓާމިނަލް ހުޅުވުމުގެ ކައުންޓްޑައުން ފަށައިފި އެވެ.
އެއާޕޯޓްގެ ވީއައިޕީ ލައުންޖް ކުރިމަތީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ކައުންޓްޑައުން ފައްޓަވައި ދެއްވީ އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އިބްރާހީމް ޝަރީފު މުހައްމަދެވެ.
މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އިބްރާހީމް ޝަރީފު ވަނީ އާ ޓާމިނަލް ހުޅުވުން ގައުމީ މަސައްކަތެއްގެ ގޮތުގައި ދެކިގެން ކުރުމަށް އެދިވަޑައިގެންފަ އެވެ.
އާ ޕަސެންޖާ ޓާމިނަލްގެ އެއްބައި ހުޅުވުމަށް ހަމަޖެހިފައިވަނީ ޖުލައި 26 ވަނަ ދުވަހު އެވެ.
ވީއައިއޭ އިން ބުނި ގޮތުގައި އާ ޓާމިނަލާއެކު ހިދުމަތްތަކަށް ބަދަލުތަކެއް އަންނާނެ އެވެ. އެ ގޮތުން ސެލްފް ޗެކިން ކައުންޓަރުތަކާއި ބެގޭޖު ޑްރޮޕް އިން ކައުންޓަރުތައްވެސް ހުންނާނެ އެވެ. މީގެ އިތުރުން އޮޓަމޭޓެޑް ބެގޭޖު ހެންޑްލިން ހުންނާނެ ކަމަށްވެސް އެމްއޭސީއެލް އިން ބުނެފައިވެ އެވެ.
އާ ޓާމިނަލް ހުޅުވީ މުޅިން އަލަށް ބަހައްޓާފައިވާ ހަ އެއިރޯބްރިޖާއެކުގަ އެވެ. އެއިރޯބްރިޖު ހުޅުވުމުން ޕެސެންޖަރުންނަށް ލިބޭނެ އެންމެ ބޮޑު އެއް ފަސޭހައަކަށް ވާނީ ޓާމިނަލް ތެރެއިން އެއިރޯބްރިޖަށް އަރައި، ސީދާ ބޯޓަށް އެރޭ ގޮތް ވުމެވެ. މިހާރު އަމަލުކުރާ އުސޫލަކީ ޓާމިނަލުން ނިކުމެ އިރުކޮޅަކު ހާމަތަނެއްގައި ހިނގަމުން ގޮސް ބޯޓަށް އެރުމެވެ.