ހުޅުމާލެ ފޭސް 1 ނިރޮޅުމަގުގައި ކަފިހިހުރަސް މަތިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލުން ޖެހި އެކްސިޑެންޓުވުމުން މަޑުނުކޮށް ފިލައިގެންދިޔަ މީހަކު ހޯދައި ހައްޔަރުކޮށްފި އެވެ.
މި އެކްސިޑެންޓުގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރުފަހު 2:10 ހާއިރު އެވެ.
މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 54 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެ މީހާއަށް ސީރިއަށް އަނިޔާތަކެއް ލިބިފައިވާތީ އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. މާމެންދޫ / މޫންލައިޓްވިލާ، މުޙައްމަދު ނާޝިއު (20އ) އެވެ. މީނާއަކީ އެކްސިޑެންޓުވި ސައިކަލު ދުއްވި މީހާ ކަމަށާއި މީނާއަކީ ސައިކަލު ދުއްވުމުގެ ލައިސަންސް ނެތް މީހެއް ކަމަށޤ ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ މިމަހުގެ 19 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ހަ ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.