ފިނޭންސް މިނިސްޓްރީ

އާމްދަނީ ހަ ޕަސެންޓް އިތުރުވެއްޖެ

ދައުލަތަށް މި އަހަރުގެ މިހާތަނަށް ލިބުނު އާމްދަނީ ހަ ޕަސެންޓް އިތުރުވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ފީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 16.9 ބިލިއަން ރުފިޔާ ލިބުނެވެ.

މީގެ ތެރެއިން 77 ޕަސެންޓް -- 13.1 ބިލިއަން ރުފިޔާއަކީ ޓެކްސް އާމްދަނީ އެވެ. ޓެކްސް-ނޫން އާމްދަނީގެ ގޮތުގައި މި އަހަރު 3.7 ބިލިއަން ރުފިޔާ ލިބުނުއިރު ހިލޭ އެހީގެ ގޮތުގައި 100 މިލިއަން ރުފިޔާ ލިބުނެވެ.

އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބުނީ 15.9 ބިލިއަން ރުފިޔާ އެވެ. މީގެ ތެރޭގައި ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު 12.6 ބިލިއަން ރުފިޔާ އާއި ޓެކްސް-ނޫން އާމްދަނީގެ ގޮތުގައި ލިބުނު 3 ބިލިއަން ރުފިޔާގެ އިތުރުން ހިލޭ އެހީގެ ގޮތުގައި ލިބުނު 311.8 މިލިއަން ރުފިޔާ ހިމެނެ އެވެ.

ދައުލަތުގެ ކެޕިޓަލް ހަރަދާއި ރިކަރަންޓް ހަރަދު މި އަހަރުގެ މިހާތަނަށް ހުރީ 15.6 ބިލިއަން ރުފިޔާގަ އެވެ. މި އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 20.3 ބިލިއަން ރުފިޔާގަ އެވެ.

ޖުމްލަ އާމްދަނީ އިން ކެޕިޓަލް ހަރަދާއި ރިކަރަންޓް ހަރަދު އުނިކުރުމުން ބަޖެޓްގެ އޯވަރޯލް ބެލެންސް މި އަހަރުގެ މިހާތަނަށް ހުރީ 1.2 ބިލިއަން ރުފިޔާ ސާޕްލަސްގަ އެވެ.