ލޯނުތައް ދެއްކުމަށް ދައުލަތުގެ ބަޖެޓުން މި އަހަރުގެ މިހާތަނަށް ތިން ބިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ހޭދަކުރި ޖުމްލަ 20.6 ބިލިއަން ރުފިޔާގެ ތެރެއިން 3 ބިލިއަން ރުފިޔާ ހަރަދުކުރީ ލޯނުތައް ދެއްކުމަށެވެ.
ލޯނު އަނބުރާ ދެއްކުމަށް މިދިޔަ އަހަރުގެ މި މުއްދަތުގައި 1.1 ބިލިއަން ރުފިޔާ ހަރަދުކުރި އެވެ.
ލޯނު ދެއްކުމަށް ކުރި ހޭދަ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލައިރު މި އަހަރު އިތުރުވި ނަމަވެސް ދައުލަތުގެ ކެޕިޓަލް ހަރަދާއި ރިކަރަންޓް ހަރަދު މި އަހަރު ވަނީ ދަށަށް ގޮސްފަ އެވެ.
ދައުލަތުގެ ކެޕިޓަލް ހަރަދާއި ރިކަރަންޓް ހަރަދު މި އަހަރުގެ މިހާތަނަށް ހުރީ 15.6 ބިލިއަން ރުފިޔާގަ އެވެ. މި އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 20.3 ބިލިއަން ރުފިޔާގަ އެވެ.
ފިނޭންސްގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ ވަނީ ހަ ޕަސެންޓް އިތުރުވެފަ އެވެ.