މިނިސްޓަރު އަލީ އިހުސާން

ޖަލާއި ހޯޕްއައިލެންޑް މަޝްރޫއަށް ބޭރުގެ ކުންފުނިތަކަކުން ޝައުގުވެރިވެއްޖެ

އުތުރުތިލަފަޅުގައި އިމާރަތްކުރަން ނިންމާފައިވާ ޖަލާއި ކުޑަކުދިންގެ އިސްލާހީ މަރުކަޒު -- "ހޯޕް އައިލެންޑް" މަޝްރޫއަށް ހަތަރު ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ އެ މަޝްރޫއަށް ރާއްޖޭގެ ކުންފުންޏަކާއި އެމެރިކާގެ ކުންފުންޏެއްގެ އިތުރުން މެލޭޝިއާގެ ކުންފުންޏަކާއި ޗައިނާގެ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު އިހްސާން ވިދާޅުވީ އެ މަޝްރޫއަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ގާބިލު ކުންފުނިތަކަކުންނެވެ.

"ވަރަށް ކޭޕަބަލް ކުންފުނިތައް. ފައިނަލް ޕްރޮޕޯސަލްތައް ލިބުމުން އިވެލުއޭޓްކޮށް، ކުންފުންޏެއް ހޮވާނީ،" އިހްސާން ވިދާޅުވި އެވެ.

މިނިސްޓަރު އިހްސާން ވަނީ ޖުލައި މަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވެފަ އެވެ.

އުތުރުތިލަފަޅުގައި ގާއިމުކުރާ ޖަލު

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބުނި ގޮތުގައި އުތުރުތިލަފަޅުގައި ގާއިމުކުރަނީ 6،000 މީހުންގެ ޖާގައިގެ ޖަލެކެވެ.

މި ޖަލުގައި ތައުލީމާއި ތަމްރީން ދޭ ފެސިލިޓީ އާއި 1،000 މީހުންގެ ޖާގައިގެ މިސްކިތެއްގެ އިތުރުން ޑްރަގް ރިހެބިލިޓޭޝަން އެންޑް ޑިޓޮކްސް ފެސިލިޓީ އާއި ހާފްވޭ ހައުސްއެއް ހުންނާނެ އެވެ.

އުތުރުތިލަފަޅުގައި ގާއިމުކުރާ ހޯޕްއައިލެންޑް

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބުނި ގޮތުގައި އުތުރުތިލަފަޅުގައި ގާއިމުކުރާ ހޮޕްއައިލެންޑަކީ 700 މީހުންގެ ޖާގައިގެ ފެސިލިޓީއެކެވެ.

މިތަނުގައިވެސް ތައުލީމާއި ތަމްރީން ދޭ ފެސިލިޓީ އާއި މިސްކިތެއް ހިމެނެ އެވެ.