ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން މިއަހަރުގެ ޔޯގާ ދުވަސް ރާއްޖޭގައި ފާހަގަކޮށްފި އެވެ.
ތާޖު މޯލްޑިވްސް ރިސޯޓުގައި މި ހަރަކާތް ކުރިއަށް ގެންދިޔައީ 500 މީހުންނާ އެކު އެވެ.
ސަރުކާރުގެ އެއްބާރުލުމާ އެކު ޔޯގާ ދުވަހުގެ ހަރަކާތް ޝަރަފުވެރި ކޮށްދެއްވީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް އާމިރެވެ.

މިހަރަކާތުގައި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރު ޖީ ބަލަސުބްރަމަނިއަމް އާއި އެމްބަސީގެ އިސްވެރިންވެސް ބައިވެރިވި އެވެ.
ޔޯގާ އަކީ ކަސްރަތެއްގެ ގޮތުގައި އިންޑިއާ އިން ވަރަށް ބޮޑަށް ޕްރޮމޯޓް ކުރާ ހަރަކާތެކެވެ. ނަމަވެސް ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން ވިދާޅުވާ ގޮތުގައި އެ ހަރަކާތުގެ ތެރެއިން ޝިރުކަށް ހިތްވަރު ލިބޭ ކަންކަން ކުރެ އެވެ.

ރާއްޖޭގައި 2022 ވަނަ އަހަރު ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ސްޓޭޑިއަމްގައި ބޭއްވި ހަރަކާތް ކުރިއަށް ދަނިކޮށް ބަޔަކު ވަނީ ސްޓޭޑިއަމް ތެރެއަށް ގަދަކަމުން ވަދެގަނެ ބޮޑެތި ހަމަނުޖެހުންތަކެއް ހިންގާފަ އެވެ. އޭރު އެ ހަމަނުޖެހުންތައް ހިންގީ އޭރުގެ އިދިކޮޅު ފަރާތްތައް އަދި މިއަދު ސަރުކާރު ހިންގަން ތިއްބެވި ބައެއް ބޭފުޅުންގެ ތާއީދާ އެކު އެވެ.
ރާއްޖޭގައި 2022 ވަނަ އަހަރު ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ސްޓޭޑިއަމްގައި ބޭއްވި ހަރަކާތް ހުއްޓުވަން ހަމަނުޖެހުން ހިންގި މީހުންނަށް ދައުލަތުން އޭރު ދައުވާވެސް ކުރި އެވެ. ނަމަވެސް މިދިޔަ ހަފްތާގައި ވަނީ އޭގެތެރެއިން ގިނަ ބަޔަކަށް ކުރި ދައުވާ އަނބުރާ ގެނައުމަށް ނިންމާފަ އެވެ.