އީރާނާއި އިޒްރޭލާ ދެމެދު ފަށާފައިވާ ހަނގުރާމައިގެ ތެރެއަށް ރަސްމީކޮށް އެމެރިކާއިން ވަދެ އިރާނަށް ބޮން އަޅައިފި އެވެ.
މިމަހުގެ 13 ވަނަ ދުވަހު އިޒްރޭލުން ކުއްލި ގޮތަކަށް އީރާނަށް ދިން ވައިގެ ހަމަލާތައް އަމާޒުކުރީ އީރާންގެ ނިއުކްލިއާ ފެސިލިޓީތަކާއި އަސްކަރީ މަރުކަޒުތަކަށާއި އީރާންގެ އަސްކަރިއްޔާގެ ވެރިންނާއި ނިއުކްލިއާ ސައިންސްވެރިން ދިރިއުޅުއްވާ އިމާރާތްތަކަށާއި ގެތަކަށެވެ.
އެ ހަމަލާތަކުގައި އީރާންގެ އަސްކަރިއްޔާގެ ވަރަށް އިސްވެރިންތަކެއް ވަނީ އަވަހާރަކޮށްލާފަ އެވެ. އަދި އިސް ސައިންސްވެރިންތަކެއްވެސް އަވަހާރަކޮށްލާފައިވެ އެވެ.
އޭގެފަހުން އީރާނާއި އިޒުރޭލާ ދެމެދު ހަނގުރާމަ ފަށައިގެން ކުރިއަށްދާއިރު އީރާނުން ވަނީ މި ހަނގުރާމައިގައި އިޒުރޭލުގެ ވެރިރަށް ތެލް އަވީވްއާއި ހައިފާއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ.
އީރާނުން ދިން ހަމަލާތަކުގައި އިޒްރޭލުގެ 50 އަށް ވުރެ ގިނަ މީހުން މަރާލާފައިވެ އެވެ. އަދި އެތައް ސަތޭކަ މީހުން ޒަހަމުކޮށްލާފައިވެ އެވެ. އިޒްރޭލުގެ ހަމަލާތަކުގައި އީރާނުގެ 500 އެއްހާ މީހުން މަރުވެފައިވާއިރު 3،000 އާ ގާތްކުރާ އަދަދަކަށް މީހުން ޒަހަމްކޮށްލާފައިވެ އެވެ.
އެމެރިކާ އިން އެންމެ ބޮޑަށް ހިތްހަމަނުޖެހުނީ އީރާނުން ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ މަޝްވަރާތަކުގައި ބައިވެރިވެ، އެއްބަސްވުމަކަށް ދިއުން ލަސްކުރަމުންދާތީ އެވެ.
މަޝްވަރާތަކުގައި ކުރިއެރުމެއް ނުލިބުމުން އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމެއް ރޭ ދަންވަރު ވަނީ ބާއްވާފަ އެވެ. އެ ބައްދަލުވުމުގައި ޓްރަމްޕްވެސް ބައިވެރިވެވަޑައިގެންނެވި އެވެ. މި ބައްދަލުވުމުގެ އެޖެންޑާގައިވެސް އޮތީ އީރާނަށް ހަމަލާ ދިނުމާ މެދުގައި ގޮތެއް ނިންމުމެވެ. ބައްދަލުވުން ނިމިގެން ދިޔައީ އީރާނަށް ހަމަލާ ދިނުމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ވިދާޅުވީ އެމެރިކާގެ ހަމަލާތަކުގައި އީރާންގެ ތިން ނިއުކްލިއާ ސައިޓަކަށް ހަމަލާދީފައިވާނެ ކަމަށެވެ. ހަމަލާދިނީ ފޯޑޯ، ނަތަންޒް، އެސްފަހަންގައި ހުރި ނިއުކްލިއާ ސައިޓުތަކަށް ކަމަށާއި އެ ހަމަލާތައް ކާމިޔާބު ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕް ވިދާޅުވީ ހުރިހާ މަތިންދާ ބޯޓެއްވެސް މިހާރު އީރާންގެ ވައިގެ ސަރަހައްދުން ނުކުމެފައިވާ ކަމަށާއި އެއްވެސް މަތިންދާ ބޯޓަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.
ފޯޑޯ ނިއުކްލިއާ ފެސިލިޓީއަށް އަޅާފައިވަނީ ވަރަށް ވަރުގަދަ ބޮމެއް ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ ފޮނިކަނޑުއްވާފަ އެވެ.
"މިއީ އެހެން އަސްކަރީ ބަޔަކަށް ކުރެވޭނެ ކަމެއް ނޫން. އީރާނުގެ ނިއުކްލިއާ މަރުކަޒުތައް ހަލާކުކޮށްލައިފިން. މިއީ އީރާން ސުލްހަވާންވީ ވަގުތު،" އެމެރިކާގެ އަސްކަރިއްޔާއަށް ތައުރީފްކޮށް ޓްރަމްޕް ވިދާޅުވި އެވެ.
އެމެރިކާ އިން ރޭ ދަންވަރު އީރާނުގެ ނިއުކްލިއާ ފެސިލިޓީތަކަށް ބޮން އެޅުމުގައި ބޭނުންކުރީ ބީ-2 ބޮން އަޅާ މަތިންދާ ބޯޓު ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ. އެހެންނަމަވެސް އީރާނުން ބުނެފައިވަނީ އެމެރިކާ އިން އީރާނުގެ ނިއުކްލިއާ ފެސިލިޓީތަކަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ބޮޑު ގެއްލުމެއް ނުވާ ކަމަށެވެ.