އެމްޑަބްލިއުއެސްސީ

ދުވާލަކު 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް އެމްޑަބްލިޔުއެސްސީ އިން ބަހައްޓައިފި

ދުވާލެއްގެ މައްޗަށް 1،000 ޓަނުގެ ފެން އުފެއްދޭ އާ އާރްއޯ ޕްލާންޓެއް އެމްޑަބްލިޔުއެސްސީ އިން މާލޭގައި ބަހައްޓައިފި އެވެ.

މި އާރްއޯ ޕްލާންޓް ބަހައްޓާފައިވަނީ އެމްޑަބްލިޔުއެސްސީގެ މާލޭ އޮޕަރޭޝަން ސެންޓަރުގެވެ.

އެމްޑަބްލިޔުއެސްސީ އިން ބުނީ މި އާރްއޯ ޕްލާންޓް އިންސްޓޯލްކޮށް މިހާރު ކޮމިޝަންކޮށްފައިވާ ކަމަށެވެ.

މި އާރްއޯ ޕްލާންޓާއެކު މިހާރު މާލޭގައި ދުވާލެއްގެ މައްޗަށް 28،000 ޓަނުގެ ފެން އުފެއްދޭނެ ކަމަށްވެސް އެމްޑަބްލިޔުއެސްސީ އިން ވަނީ ބުނެފަ އެވެ.

އެމްޑަބްލިޔުއެސްސީ އިން އާ އާރްއޯ ޕްލާންޓެއް ބަހައްޓާފައިވާއިރު މާލެ ސަރަހައްދުގައި ފެން ރައްކާކުރުމުގެ ކެޕޭސިޓީ އާއި ފެން އުފެއްދުމުގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެ ގޮތުން އެމްޑަބްލިޔުއެސްސީ އިން ދަނީ ސިނަމާލެ ބްރިޖު މެދުވެރިކޮށް މާލެ-ހުޅުމާލެ ފެނުގެ ވިއުގައަކުން ގުޅާލުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

މީގެ އިތުރުން މާލެ އާއި ހުޅުމާލޭގައި ފެން ރައްކާކުރާ އިތުރު ތާނގީތައް ހެދުމުގެ މަސައްކަތްވެސް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ.