މޯލްޑިވްސް ފުޑް ކާނިވަލް 2025 ގެ ޕްރިމިއަމް ސްޕޮންސަރެއްގެ ގޮތުގައި ދިރާގުން ސޮއިކޮށްފި އެވެ.
ތިންކް އެސޯސިއޭޓްސް އާއި ޓޭސްޓް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ މި އިވެންޓުގައި ތަފާތު ކާބޯތަކެތީގެ ސްޓޯލްތަކުގެ ބައިވެރިވުން ފެނިގެންދާނެ އެވެ. އަދި މި އިވެންޓް މެދުވެރިކޮށް ދިވެހި ހޯމް-ބޭސްޑް އަދި ކުދި ވިޔަފާރިތަކުގެ އިތުރުން މަޝްހޫރު ކާބޯތަކެތީގެ ވިޔަފާރިތަކަށް އެއްތަނަކުން އެ ފަރާތްތަކުގެ ހުށަހެޅުންތައް އާންމުންނަށް ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
މޯލްޑިވްސް ފުޑް ކާނިވަލް ކުރިއަށްދާނީ މިމަހުގެ 25 އިން 28 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހަވީރު 4:00 އިން ރޭގަނޑު 11:30 އަށެވެ. މި އަހަރު ފެނިގެންދާނީ މި އިވެންޓްގެ ތިން ވަނަ އެޑިޝަނެވެ.
ދިރާގުގެ މެނޭޖަރު ބްރޭންޑް އެންޑް އިވެންޓްސް ނާޔާ ޝަރީފު ވިދާޅުވީ ވޭތުވެދިޔަ ދެ އަހަރުގެ ކާމިޔާބީއަށް ފަހު މި އަހަރުވެސް މޯލްޑިވްސް ފުޑް ކާނިވަލްގެ ޕާޓްނަރަކަށްވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"މި ފަދަ އިޖްތިމާއީ ހަރަކާތްތަކަށް އެއްބާރުލުންދީ ރާއްޖޭގެ ވިޔަފާރިތައް ކުރިއެރުވުމަށް އެހީތެރިވެދިނުމަކީ އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް،" ނާޔާ ޝަރީފް ވިދާޅުވި އެވެ.
ދިރާގުން ދަނީ މުޖުތަމައުގެ ތެރޭގައި ގުޅުން ވަރުގަދަކޮށް، ދިވެހި ވިޔަފާރިތައް ކުރިއެރުވުމަށް ބާއްވާ އެކި ހަރަކާތްތަކަށް އެކި ގޮތްގޮތުން އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.