ޔުމްނު ރަޝީދު އިމާރާތަކުން ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކުލަވާލި ހާއްސަ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަން ތަންފީޒުކުރެއްވުމަށް ފިޔަވަޅުތައް އެޅުއްވުމަށް ރައީސް މުއިއްޒު މިއަދު އަންގަވައިފި އެވެ.
ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު (21 އ) މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގޭގެ ފުރާޅަށް ވެއްޓުނީ ހ. ފެންޓެނޯއީގޭގެ ނުވަވަނަ ބުރިންނެވެ. ކޮމިޝަންގެ ރިޕޯޓްގައި ވަނީ ޔުމުން މަސްތުގެ ހާލަތުގައި ހުރުމުން އެ އިމާރާތުން ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް ބުނެފަ އެވެ.
ކޮމިޝަންގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރެއިން އިސްލާހީ ފިޔަވަޅުތައް އަޅުއްވަން އަންގަވާފައިވަނީ ދެ މިނިސްޓްރީ އަކަށެވެ. އެއީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއާއި ހެލްތު މިނިސްޓްރީ އެވެ.
ރައީސުލްޖުމްހޫރިއްޔާ، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއަށް އެންގެވި އެންގެވުމުގައި ޔުމުން ވެއްޓުނު މައްސަލައިގައި ދިވެހި ފުލުހުންގެ ހިދުމަތުން އަމަލުކޮށްފައިވާ ގޮތާ ގުޅިގެން ބައެއް ފުލުހުންނަށް އިސްލާހީ ފިޔަވަޅު އަޅަން އަންގަވާފައިވެ އެވެ. އެގޮތުން އަޅުއްވަން އެންގެވި ފިޔަވަޅުތަކަކީ:-
- ހ. މިޓާޒްގެ ފުރާޅުމަތީގައި ޔުމްނު ވެއްޓިފައި އޮތް ހާދިސާގެ މައުލޫމާތު ލިބުމުން، ފުލުހުންގެ ކޮމާންޑް ސެންޓަރުން އިންވެސްޓިގޭޝަން އޮފިސަރަށް މައުލޫމާތު ދީފައިވަނީ ގަޑިއެއްހާއިރު ފަހުން ކަމަށްވާތީ، އިންވެސްޓިގޭޝަން އޮފިސަރަށް ކުށުގެ ވެށްޓަށް ދެވުނީ ކުށުގެ ވެށިން ތަހުގީގަ ބޭނުންވާނެ ހެކި، ގަރީނާ، ސީން އޮފް ކްރައިމް އޮފިސަރު ނަގައި ނިމުނު ފަހުންކަން
- ކްރައިމް ސީން ޕްރޮސެސްކޮށް ނިމުނުއިރުވެސް، މައްސަލަ ތަހުގީގު ކުރާ އޮފިސަރަކު ސީންއަށް ހާޒިރުވެފައި ނެތުމުގެ ސަބަބުން، ތަހުގީގަށް ބޭނުންވާ ފުރިހަމަ މައުލޫމާތާއި ހެކިތައް އެވަގުތު ހޯދިފައި ނުވާކަން
- ކުށުގެ ވެށްޓަށް ދިޔަ ސީން އޮފް ކްރައިމް އޮފިސަރު، ކްރައިމް ސީން ޕްރޮސެސްކުރިއިރު ކުށުގެ ވެށީގެ ހުރިހާ ސަރަހައްދެއް އެކަށީގެންވާ ގޮތެއްގައި ޕްރޮސެސްކޮށްފައި ނުވާ ކަމަށާއި، ސީން އޮފް ކްރައިމް އޮފިސަރެއްގެ ހައިސިއްޔަތުން ކުރަންޖެހޭ ގިނަ ކަންތައްތަކެއް ނުކޮށް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސީން ދޫކޮށްލައިފައިވާކަން؛
- މައްސަލައިގައި އެންމެ މުހިންމު އެއް ތަންކަމުގައިވާ ޙައްވާ ޔުމްނު އޮތް ހ.މިޓާޒްގެ ފުރާޅުމަތިން އެއްވެސް ހެއްކެއް ލިބޭތޯ މަސައްކަތެއް ކުރެވިފައި ނުވާކަމާއި، ކުށުގެ ވެށީގެ ބައުންޑްރީއެއް ކަނޑައެޅިފައި ނެތްކަމާއި، ކުށުގެ ވެށި ރައްކައުތެރިކުރެވިފައި ނުވާކަން ފާހަގަކުރެވޭކަން.
ރައީސް އޮފީހުން ބުނީ ކޮމިޝަންގެ ރިޕޯޓްގައި ފުލުހުންނާ ގުޅޭގޮތުން ފާހަގަކޮށްފައިވާ ކަންކަން ކުރިއަށް އޮތް ތަނުގައި ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ފުލުހުންގެ އެސްއޯޕީތައް މުރާޖައާކޮށް، މުވައްޒަފުން އަހުލުވެރިކޮށް، ތަމްރީނު ދިނުމަށާއި، މި ހާދިސާގައި ފަރުވާ ކުޑަކުރި މުވައްޒަފުންގެ މައްސަލަ ބަލައި، އެ މުވައްޒަފުންނާ މެދުގައި އިސްލާހީ ފިޔަވަޅު އެޅުމަށް ކޮމިޝަނުން ދީފައިވާ ލަފަޔާއި އެއްގޮތަށް ފިޔަވަޅުތައް އެޅުއްވުމަށްވެސް ރައީސް އެންގެވި ކަމަށެވެ.
މީގެ އިތުރުން މި މައްސަލައިގައި ހިމެނޭ ގ. އެރިއަދޫ، ރައުދު އަހްމަދު ޒިލާލް، އޭޕްރީލު 18 ވަނަ ދުވަހުގެ ހެނދުނު ހ. މާއިރާއަށް ދިއުމުން ރައުދު ބަލައި އޭނާގެ ބޭބެ ގ. އެރިއަދޫ، ދާއޫދު އަހްމަދު ތިރިއަށް ފޭބިކަމަށް ހެކީންގެ ހެކިބަހުން އެނގޭތީ އާއި، ދާއޫދު މައްސަލައިގެ ތަހުގީގުގައި ފުލުހުންނަށް ދިން ބަޔާނާއި ކޮމިޝަނަށް ދިން ބަޔާނުގައި ތަފާތުތަކެއް ހުރުމާއެކު، ތަހުގީގަށް ދޮގު ބަޔާނެއް ދީފައިވާކަން ކޮމިޝަނަށް ފާހަގަކުރެވޭ ކަމަށް ކޮމިޝަންގެ ރިޕޯޓްގައި ބުނެފައިވާތީ އެ މައްސަލައިގައި ފިޔަވަޅު އެޅުއްވުުމަށްވެސް އަންގަވާފައިވެ އެވެ. އެގޮތުން ދޮގު ބަޔާން ދިން މައްސަލަ ތަހުގީގުކުރަން އަންގަވާފައިވެ އެވެ.
މި މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ، ހެލްތު މިނިސްޓްރީއަށް އެންގެވި އެންގެވުމުގައި ވަނީ އެ މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އައިޖީއެމްއެޗާއި އެ ހޮސްޕިޓަލްގައި ހުންނަ ފެމިލީ ޕްރޮޓެކްޝަން ޔުނިޓް (އެފްޕީޔޫ) އިން ފިޔަވަޅުތަކެއް އެޅުއްވުމަށެވެ. އެގޮތުން ފާހަގަކުރެއްވި ކަންކަމަކީ:
- ޔުމްނުއަށް ޖިންސީ އެއްވެސް އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށްޓަކައި އައިޖީއެމްއެޗްގެ އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ) އިން، އައިޖީއެމްއެޗްގެ އެފްޕީޔޫއަށް އެންގުމަށްފަހު، އެފްޕީޔޫގެ މުވައްޒަފު އެޓެންޑު ނުވުމުން އެކަން ނުކޮށް ދޫކޮށްލައިފައިވާތީ، މިއީ އެފްޕީޔޫގެ އެސްއޯޕީގައި އެތަނުގެ މުވައްޒަފު އަމަލުކުރަންޖެހޭ ގޮތް ކަމުގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފު އަމަލެއްކަން އެނގޭކަމާއި، އަދި އެފްޕީޔޫގެ މުވައްޒަފު އެޓެންޑް ނުވިކަމުގައި ވިޔަސް، އަނިޔާ ލިބިފައިވާ މީހާއަށް ޖިންސީ އެއްވެސް އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް، އަނިޔާ ލިބިފައިވާ މީހާގެ އާއިލާއިން އެދިއްޖެނަމަ، އެފްޕީޔޫގެ މުވައްޒަފުންގެ ބަހަކާ ނުލައިވެސް އެފަދަ ޓެސްޓެއް ޑޮކްޓަރުންނަށް ހެދެންވާނެ ކަމަށް ކޮމިޝަނަށް ފެންނަ ކަމަށް
- އަނިޔާ ލިބިފައިވާ ޒުވާން އަންހެނަކު ފެނުމުން، އެ މީހާއަށް ކުއްލި ފަރުވާ ފޯރުކޮށްދިނުމަށް އައިޖީއެމްއެޗްއަށް ގެންދެވުމުން، ފުރަތަމަ އެހީގެ ގޮތުގައި ފަރުވާދެވޭ ވަގުތުގައިވެސް އެ މީހާއަކީ އަނިޔާތަކެއް ލިބިފައިވާ މީހެއް ކަމަށް ބަލައި، އެ މީހާގެ ހަށިގަނޑުގެ ބޭރުފުށުން ފެންނަންހުރި އަނިޔާތައް ދެނެގަނެ، އެއްވެސް ނިޝާނެއް ފެންނަން ހުރި ނަމަ އެ ނިޝާންތަކުގެ ފޮޓޯނަގައި އަދި ޖިންސީ އަނިޔާއެއް ކޮށްފައިވާކަމަށް ބަލައި "ވަޖައިނަލް ސްވޮބް"، "އޭނަލް ސްވޮބް" ،"ބަކަލް ސްވޮބް" އަދި އެހެނިހެން ކަންކަމަށްވެސް ތަހުލީލުތައް ހެދުމަށް ބޭނުންވާނޭ އެންމެހައި ސާމްޕަލްތައް ނަގައި ހެއްކާއި ޤަރީނާ ނުގެއްލޭގޮތަށް އެ މަޢުލޫމާތު އެއްކުރެވި ރައްކައުކުރެވެންވާނެކަމާއި، މިކަން ކުރުމުގައި އައި.ޖީ.އެމް.އެޗް.ގެ އެފް.ޕީ.ޔޫ. އިން ލަސްނުކޮށް މިކަން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ޓަކައި އެ ޔުނިޓުގެ އިދާރީ ކަންކަން ހަރުދަނާކުރުން މުހިންމުކަމަށް ކޮމިޝަނުން ދެކޭ ކަމަށް.
މި މައްސަލައިގައި ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަމާއި ގުޅިގެން، މިފަދަ ކަންކަން ތަކުރާރުނުވާނެ ފަދަ ގޮތަކަށް އައިޖީއެމްއެޗްއާއި އެ ހޮސްޕިޓަލުގައި ހުންނަ އެފްޕީޔޫގެ އިދާރީ ކަންކަން ހަރުދަނާކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް ރައީސް ވަނީ ހެލްތު މިނިސްޓްރީއަށް އަންގަވާފަ އެވެ.