އީރާން

އިރާނުން ގަތަރުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒަށް ހަމަލާ ދޭން ފަށައިފި

އެމެރިކާ އިން އިސްވެ އިރާނަށް ހަމަލާދިނުމާ ގުޅިގެން ރައްދުގައި އިރާގާއި ގަތަރުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އިރާނުން ހަމަލާ ދޭން ފަށައިފި އެވެ.

ދުނިޔޭ ބޮޑެތި ނޫސް އެޖެންސީތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިރާނުން ހަމަލާ ދެނީ ގަތަރުގައި ހުންނަ އެމެރިކާގެ އަލް އުދެއިދު އެއާ ބޭސް އަށެވެ.

އިރާންގެ މީޑިއާ އިންވެސް ވަނީ ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް ހަމަލާދޭކަން ޔަގީންކޮށްދީފަ އެވެ.

އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އިރާނުން ހަމަލާ ދެމުންދާ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވީ ނަމަވެސް އިރާގަށް ހަމަލާ ދެމުންދާ ކަމަކަށް އިރާނުން އަދި ނުބުނެ އެވެ.

އިރާންގެ ރޮކެޓްތައް ޖައްވު ތެރޭ ގޮއްވާލުމަށްޓަކައި އެމެރިކާގެ އެއާ ޑިފެންސް ސިސްޓަމުން ދޫކުރާ ރޮކެޓްތައްވެސް ޖައްވު ތެރޭ ހަރަކާތްތެރިވާ މަންޒަރު ބައެއް ޓީވީތަކުން ދައްކަމުން އެބަދެ އެވެ.

އެމެރިކާ އިން ހަމަލާ ދިނީ އިރާނުގެ ފޯޑޯ، ނަޓަންޒު އަދި އިސްފަހާނުގައި ހުރި ނިއުކްލިއާ ފެލިސިޓީތަކަށެވެ. އެ ތަންތަނުގައި ހުރި ނިއުކުލިއާ ފެސިލިޓީތަކަށް ބޮޑެތި ގެއްލުންތަކެއް ދެވުނު ކަމަށް އެމެރިކާ އިން ބުނި ނަމަވެސް އިރާނުން ވަނީ އެ ތަންތަނުގައި ހުރި ނިއުކުލިއާ ޕްރޮގްރާމުގައި ހިމެނޭ އާލާތްތައް ރައްކާތެރި ކުރެވިފައިވާ ކަމަށް ބުނެފަ އެވެ.

އިޒުރޭލުން އިރާނަށް ހަމަލާތައް ދޭން ފެށީ މިމަހުގެ 13 ވަނަ ދުވަހުން ފެށިގެންނެވެ. އެ ދެ ގައުމުގެ ދޭތެރޭގައި ހިނގަމުން ދިޔަ ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވަނުމާ އެކު ހަނގުރާމަ ފުޅާވެގެންދާނެ ކަމަށް ރަޝިއާ އާއި ޗައިނާ އިން ވަނީ ބުނެފަ އެވެ.