އީރާނާއި އިޒްރޭލާ ދެމެދު ކުރިއަށްދިޔަ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
އީރާނުގެ ނިއުކްލިއަ ޕްރޮގްރާމް ހުއްޓުވުމަށް ކަމަށް ބުނެ އިޒްރޭލް އިސްވެ އީރާނަށް ހަމަލާ ދޭން ފެށީ ޖޫން މަހުގެ 13 ވަނަ ދުވަހު އެވެ.
އެ ހަމަލާތަކާ ގުޅިގެން އީރާނުން އިޒްރޭލްއާ ދެކޮޅަށް އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3ގެ ނަމުގައި ހާއްސަ އަސްކަރީ ހަރަކާތެއް ފަށައި، އިޒްރޭލަށް ބޮޑެތި ގެއްލުންތައް ދީފައިވެ އެވެ.
އެއަށްފަހު ޖޫން މަހުގެ 22 ވަނަ ދުވަހު އެމެރިކާ މައްސަލައިގެ ތެރެއަށް ވަދެ، އީރާނުގެ މައި ތިން ނިއުކްލިއަ މަރުކަޒަކަށް ބޮން އެޅި އެވެ. އެ ހަމަލާގެ ރައްދެއްގެ ގޮތުން އާ އަސްކަރީ ޙަރަކާތެއް ފަށައި، އީރާނުން ވަނީ ގަތަރުގައި ހުރި އެމެރިކާގެ އަލް އުދައިދު އަސްކަރީ މަރުކަޒަށް ހަމަލާ ދީފަ އެވެ.
ބާރަ ދުވަހަށް ދެމިގެންދިޔަ ހަމަލާތައް ހުއްޓާލުމާ ގުޅޭގޮތުން ޓްރަމްޕް ވިދާޅުވީ ރާވާފައިވާ ގޮތަށް ކަންތައްތައް ކުރިއަށް ގޮސްފިނަމަ، 12 ދުވަހުގެ ހަނގުރާމަ ހުއްޓާލުމަށް ބޭނުންވާ ހިތްވަރާއި ހިކުމަތް އިސްކޮށް އިރާނާއި އިޒްރޭލް ސުލްހައަށް މަރުހަބާ ކިޔާފައިވާ ކަމަށެވެ.
ޓްރަމްޕް ދެއްކެވި ވާހަކަތަކަށް އިރާނާއި އިޒްރޭލުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ. އެކަމަކު އިރާންގެ ޚާރިޖީ ވަޒީރު ވިދާޅުވީ އިޒްރޭލް ހަމަލާދިނުން ހުއްޓައި ނުލާހާ ހިނދަކު އީރާނުން ހަމަލާތައް ކުރިއަށް ގެންދާނެ ކަމަށެވެ.
އެމެރިކާ ސަރުކާރުގެ އިސް ވެރިޔަކު ވިދާޅުވީ އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ޓްރަމްޕް ގުޅުއްވައި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްކުރުވި ކަމަށެވެ. އީރާނުން ހަމަލާތައް ހުއްޓާލައިފިނަމަ ހަނގުރާމަ ހުއްޓާލުމަށް އިޒްރޭލުން އެއްބަސްވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.