ކުލަބް ވޯލްޑް ކަޕް

އިންޓަ މަޔާމީއަށް ޕަލްމޭރާސް އަތުން މޮޅެއް ނުވެވުނު

ބްރެޒިލްގެ ޕަލްމޭރާސް އާއި އިންޓަ މަޔާމީ ރޭ ކުޅުނު މެޗު 2-2 އިން އެއްވަރުވެއްޖެ އެވެ.


އެމެރިކާގެ މަޔާމީގެ ހާޑްރޮކް ސްޓޭޑިއަމްގައި 60،000 އަށް ވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު ފޯރިގަދަ މެޗުގެ ނަތީޖާއާއެކު ޕަލްމޭރާސް ވަނީ ގްރޫޕް އޭގެ އެއްވަނަ ހޯދައި މުބާރާތުގެ ދެވަނަ ބުރަށް ކޮލިފައިވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި އިންޓަ މަޔާމީ ވަނީ މެޗުގެ ފުރަތަމަ ގޯލް ޖަހާފަ އެވެ. މެޗުގެ 16 ވަނަ މިނެޓްގައި އެ ޓީމަށް ލަނޑު ޖަހައިދިނީ ޓަޑެއޯ އަލެންޑޭ އެވެ. ލުއިސް ސުއަރޭޒް ވަނީ މެޗުގެ 65 ވަނަ މިނިޓުގައި ގޯލެއް ޖަހާ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.

މެޗުގެ ފަހު ދިހަ މިނިޓުގެ ތެރޭގައި ޕަލްމޭރާސް އިން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާ މެޗު އެއްވަރުކޮށް އެންމެން ހައިރާންކޮށްލުވާފަ އެވެ. ޕަލްމޭރާސްގެ ޕައުލީނިއޯ 80 ވަނަ މިނިޓުގައި ލަނޑެއް ޖަހައި އެ ޓީމުގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދިންއިރު އޭގެ ހަތް މިނިޓު ފަހުން މައުރީސިއޯ ވަނީ ގޯލެއް ޖަހައި ނަތީޖާ އެއްވަރުކޮށްފަ އެވެ.

މި ނަތީޖާ އާއިއެކު ޕަލްމޭރާސް އަށް ވަނީ ގްރޫޕްގައި ކުޅުނު ތިން މެޗުން 5 ޕޮއިންޓާ އެކު ގްރޫޕްގެ އެއްވަނަ ލިބިފަ އެވެ. އިންޓަ މަޔާމީއަށްވެސް ފަސް ޕޮއިންޓް ލިބުނެވެ. މި ދެ ޓީމަށް ފަސް ޕޮއިންޓް ލިބުނު ނަމަވެސް ޕަލްމޭރާސްއަށް އެއްވަނަ ލިބިފައިވަނީ ގޯލުގެ ތަފާތުންނެވެ.

ދެވަނަ ބުރުގައި އިންޓަ މިއާމީ އާއި ޕީއެސްޖީ ބައްދަލުކުރަން ޖެހޭއިރު، ޕަލްމޭރާސް އާއި ދެކޮޅަށް ނިކުންނާނީ ބޮޓަފޮގޯ އެވެ.