ރައްޔިތުންގެ މަޖިލިސް

"އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ކެތްލެބްގެ ހިދުމަތް 4 މަސް ތެރޭ ފެށޭނެ"

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ކެތުލެބްގެ ހިދުމަތް ހަތަރު މަސް ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ނާޒިމް މިހެން ވިދާޅުވީ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ގާއިމުކޮށްފައިވާ ކެތުލެބްގެ ހިދުމަތް ނުފެށި ލަސްވާ ސަބަބާއި އެ ހިދުމަތް ލިބެން ފަށާނެ ތާރީހު ސާފުކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ލިޔުމުން ޖަވާބު ހޯދުމަށް ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގަ އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި އެ ހޮސްޕިޓަލްގައި ކެތުލެބް ގާއިމު ކުރުމަށް އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް މެޝިނަރީސް އިންސްޓޯލް ކުރުމާއި ގުޅުންހުރި މަސައްކަތްތަކުގެ 98 ޕަސެންޓް މިހާރު ވަނީ ނިމިފަ އެވެ.

އެ ހޮސްޕިޓަލްގައި އެ ހިދުމަތް ހިންގާނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފައިވާކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން ހޮވާލެވޭ ފަރާތުގެ ޕްރޮޕޯސަލް ހޯދާ އެ ފަރާތަކާއި ކެތުލެބް ހިންގުމުގެ ކަންކަން ހަވާލުކޮށް ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި ހިދުމަތް ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ކެތުލެބްގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފައިވާއިރު މިކަމަށް ޝައުގުވެރިވާ، ޝަރުތު ހަމަވާ ފަރާތްތަކުން މިމަހުގެ 29 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ޝައުގުވެރިކަން ފާޅުކުރަންޖެހެ އެވެ.