ފީފާ ކްލަބް ވޯލްޑް ކަޕްގައި ރޭ ކުޅުނު ފޯރިގަދަ މެޗުގައި ބަޔާން މިއުނިކް އަތުން 1-0ގެ ނަތީޖާއަކުން މޮޅުވެ، ބެންފީކާއިން މުބާރާތުގެ ދެވަނަ ބުރުން ޖާގައެއް ކަށަވަރުކޮށްފި އެވެ.
މި ކާމިޔާބީއާއެކު ބެންފީކާއަށް ވަނީ ގްރޫޕް ސީގެ އެއްވަނަ މަގާމުވެސް ލިބިފަ އެވެ.
އެމެރިކާގެ ޗާލޮޓްގައި ހުންނަ ބޭންކް އޮފް އެމެރިކާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ބެންފީކާއިން މޮޅުގޯލު ޖަހައިގެން މެޗުގެ ކޮންޓްރޯލް ނަގާފައިވަނީ މެޗުގެ ދެވަނަ ހާފުގަ އެވެ. މި މޮޅާއެކު ގްރޫޕް ސީގައި ކުޅުނު ތިން މެޗުން ބެންފީކާއަށް ވަނީ 7 ޕޮއިންޓް ލިބިފަ އެވެ.
މި ގްރޫޕުން ދެވަނަ ބުރުގެ ޖާގަ ހޯދި އަނެއް ޓީމަކީ ބަޔާން މިއުނިކް އެވެ. ބަޔާން މިއުނިކަށް ލިބިފައިވާ 6 ޕޮއިންޓާއެކު އެ ޓީމަށް ދެވަނަ ބުރުގެ ފުރުސަތު ލިބިފައިވަނީ ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ.
މެޗު ކުޅުނު ވަގުތު ޗާލޮޓްގައި ވަރަށް ބޮޑަށް ހޫނު ގަދަވުމުގެ ސަބަބުން، ދެ ޓީމަށްވެސް އެންމެ އެދެވޭ ކުޅުމެއް ދެއްކޭ ގޮތެއް ނުވި އެވެ. މިކަމުގެ ސަބަބުން ކުޅުންތެރިންނަށް ގިނަ ވަގުތު މެޗުގައި ހަރަކާތްތެރިވުމަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މިއީ މުބާރާތުގެ ކުރިއަށް އޮތް މެޗުތަކަށް އެހެން ޓީމުތަކުންވެސް ސަމާލުކަން ދޭންޖެހޭ ކަމެއްގެ ގޮތުގައި ބައެއް ޓީމުތަކުން ބުނެ އެވެ.