ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) ގެ ޕްރިމިއަމް ޕާޓްނަރެއްގެ ގޮތުގައި މިނީސޯ އިން ސޮއިކޮށްފި އެވެ.
މި ޕާޓްނަޝިޕް އިއުލާނު ކުރުމަށް ދިރާގު ހެޑް އޮފީހުގައި ބޭއްވި ފޯރިގަދަ އިވެންޓުގައި ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު އާއި ސޮނީ ސްޕޯޓްސްގެ އެމްޑީ އަހްމަދު ކަލީމްގެ އިތުރުން ދިރާގު އަދި ސޮނީ ސްޕޯޓްސްގެ ސީނިއާ އޮފިޝަލުންނާއި ގިނަ އަދަދެއްގެ ގޭމް ކުޅުންތެރިން ބައިވެރިވި އެވެ.
ދިރާގުގެ ޑިރެކްޓާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވި ދިރާގު ގޭމާސް ގިލްޑްގެ ޕްރީމިއަމް ޕާޓްނަރެއްގެ ގޮތުގައި މިނީސޯއަށް މަރުހަބާ ކިޔުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"މި ޕާޓްނަޝިޕަކީ ރާއްޖޭގައި އީސްޕޯޓްސް ފުޅާކޮށް ތަރައްގީކޮށް، ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތައް ލިބޭ އިތުރު ބާރެއް،" މިރްޝާން ވިދާޅުވި އެވެ.
މި ކުލަގަދަ އިވެންޓް ކުރިއަށް ގެންގޮސްފައިވަނީ ގޭމް ސްޓޭޝަންތަކާއި ލައިވް މިއުޒިކާއެކުގަ އެވެ.
ޑީޖީޖީ އިން ދަނީ ރާއްޖޭގައި އީސްޕޯޓްސް ތަރައްގީކޮށް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިހާރު ޑީޖީޖީގައި 7،000 އަށް ވުރެ ގިނަ ގޭމާސް ވަނީ ރަޖިސްޓަރީކޮށްފަ އެވެ.
ޑީޖީޖީ އިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ޑީޖީޖީ ވެބްސައިޓް މެދުވެރިކޮށް ލިބިގެންދާނެ އެވެ.