ދިރާގު

ދިރާގު ރޯޑް ރޭސް އޮކްޓޫބަރު 24ގައި

ރާއްޖޭގެ އެންމެ މަގުބޫލު ދުވުން، ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) ގެ 16 ވަނަ އެޑިޝަން އޮކްޓޫބަރު 24 ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ނިންމައިފި އެވެ.

ޑީއެމްއާރްއާރްއަކީ ވޯލްޑް އެތުލެޓިކްސް ސަޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދިވެހިރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގުވާމީ ދުވުމެވެ.

މި ދުވުން މާލޭގެ އިތުރުން އަތޮޅުތަކަށް ފުޅާކޮށް، ދިރާގު ފުވައްމުލައް ރަން 2025 ވަނީ މި އަހަރު ފުވައްމުލަކު ސިޓީގައި ކާމިޔާބުކަމާއެކު ބާއްވައިފަ އެވެ.

ދިރާގުން ބުނި ގޮތުގައި މި އަހަރުވެސް ދުވުންތެރިންނަށް ހާފް މެރެތަން، 10 ކިލޯމީޓަރު އަދި ފަސް ކިލޯމީޓަރު ކެޓެގަރީ އަދި ފަސް ކިލޯމީޓަރު ކޯޕަރޭޓް ޓީމް ކެޓަގަރީގައި ބައިވެރިވެވޭނެ އެވެ. އެގޮތުން ފަސް ކިލޯމީޓަރު ކޯޕަރޭޓް ޓީމް ކެޓަގަރީގައި އޮފީސް/ރިޒޯޓުތަކުން ހަތަރު މީހުންގެ ޓީމުތައް ހަދައިގެން ބައިވެރިވެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

ޑީއެމްއާރްއާރް ގައި ބައިވެރިވެ ވަނަތައް ހޯދާ ފަރާތްތަކަށް މި އަހަރު ވެސް ބޮޑެތި ފައިސާގެ އިނާމްތައް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ގޮތުން، ރޭހުގެ ވަނަތަކަށް ހޮވޭ ދުވުންތެރިންނަށް ޖުމްލަ 256،000 ރުފިޔާ ދިނުމަށް ދިރާގުން ވަނީ ކަނޑައަޅައިފަ އެވެ.

ދިރާގުން ބުނީ ކުރީ އަހަރުތަކާ އެއްފަދައިން، މި އަހަރުގެ ރޭހަކީ ވެސް ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް) ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށް ހާއްސަކޮށްފައިވާ ދުވުމެއް ކަމަށެވެ.

މި އިވެންޓްގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ. ދިރާގުން މިހާރު ވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އެންޖީއޯ ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.

ރޭހުގެ އިތުރު މައުލޫމާތު ދިރާގު މޯލްޑިވްސް ރޯޑް ރޭސް ވެބްސައިޓުން ލިބޭނެ އެވެ.