ޕޯޗުގަލްގެ ފުޓުބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ސައޫދީ އަރަބިއްޔާގެ އަލް ނަސްރު ކްލަބާއެކު 2027 ވަނަ އަހަރާ ހަމައަށް މަޑުކުރުމަށް ނިންމައި ދެ އަހަރުގެ އާ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އަލް ނަސްރުން މިކަން އިއުލާންކޮށްފައި މިވަނީ ރޮނާލްޑޯ އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާތީ ރޮނާލްޑޯ ދެން އަމަލުކުރާނެ ގޮތެއް ބެލުމަށް އެތައް ބަޔަކު ޝައުގުވެރިކަމާ އެކު ބަލަމުން ދަނިކޮށެވެ.
އަލް ނަސްރު ކްލަބުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ "ކްރިސްޓިއާނޯ ރޮނާލްޑޯ 2027 ވަނަ އަހަރާ ހަމައަށް އަލް ނަސްރުގައި ހުންނާނެ" ކަމަށެވެ. އޭގެކުޑައިރުކޮޅެއް ކުރިން އެ ކްލަބުން ވަނީ ރޮނާލްޑޯގެ ޓީޒާއެއްވެސް ނެރެފަ އެވެ. މި ވީޑިއޯގައި ރޮނާލްޑޯ ބުނެފައިވަނީ "އަލް ނަސްރު ފޯއެވާ" ކަމަށެވެ.
ޕޯޗުގަލްގެ ތަރި ސައޫދީ އަރަބިއްޔާގެ ލީގަށް ބަދަލުވީ 2023 ވަނަ އަހަރު އެވެ. ރޮނާލްޑޯގެ މި ބަދަލާއެކު ގިނަ އަދަދެއްގެ މަޝްހޫރު އެހެން ކުޅުންތެރިންވެސް ވަނީ ބޮޑު އަގުގައި ސައޫދީ ލީގަށް ބަދަލުވެފަ އެވެ.
ސައޫދީ ޕްރޯ ލީގު މިދިޔަ މަހު ނިމުނުއިރު އަލް ނަސްރު ތިންވަނައިގައި ނިންމާލާފައިވަނީ އެއްވެސް ތައްޓެއް ނުލިބި އެވެ. އެހެންވެ ރޮނާލްޑޯ ވަނީ "މި ބާބު ނިމުނީ" ކަމަށް ބުނެ އެކްސްގައި ޕޯސްޓެއްވެސް ކޮށްފަ އެވެ.
ސައޫދީ ފުޓުބޯޅައިގައި ބޮޑެތި އިންވެސްޓްމަންޓްތައް ކުރާ ޕަބްލިކް އިންވެސްޓްމަންޓް ފަންޑު (ޕީއައިއެފް)އާ ގާތް މަސްދަރަކުން އޭއެފްޕީއަށް މައުލޫމާތު ދެމުން މިދިޔަ މަހު ބުނެފައިވަނީ ފާއިތުވި ދެ އަހަރުގެ ތެރޭގައި ސައޫދީ ލީގު ތަރައްގީކުރުމުގައި ރޮނާލްޑޯގެ މުހިއްމު ދައުރެއް އަދާކުރި ކަމަށެވެ. އަދި އޭނާއަކީ ޒުވާން އަދި މޮޅެތި ކުޅުންތެރިން ސައޫދީ އަރަބިއްޔާއަށް އައުމަށް މަގުފަހިކޮށްދިން ކުޅުންތެރިއެއް ކަމަށެވެ.
ސައޫދީ އަރަބިއްޔާގެ ޕީއައިއެފްއަކީ އަލް ނަސްރު، އަލް ހިލާލް އަދި އަލް އަހްލީ ފަދަ ޕްރޯ ލީގުގެ ކްލަބްތައް ކޮންޓްރޯލް ކުރާ ފަރާތެކެވެ.
ސައުދީ އިން މިހާރު ގެންދަނީ 2034 ވަނަ އަހަރު އެ ގައުމުގައި ވޯލްޑް ކަޕް ބޭއްވުމަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.