އުރީދޫ މޯލްޑިވްސް އިން ބާއްވަމުން ގެންދާ "ފަން ރަން" މިއަދު އައްޑޫ ސިޓީގައި ކުރިއަށް ގެންގޮސް ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ.
އައްޑޫ މޭޔަރު އަލީ ނިޒާރާއި އުރީދޫގެ އިސްވެރިންވެސް ބައިވެރިވި ރަންގައި 3،000 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ.
އައްޑޫ މަރަދޫން ފެށި މި ދުވުމުގައި އައްޑޫގެ އެކި އުމުރުފުރާގެ މީހުން ބައިވެރިވެ އުފާވެރި ވަގުތުތަކެއް ހޭދަކޮށްފައިވެ އެވެ.
އުރީދޫ މޯލްޑިވްސް އިން ބުނީ އައްޑޫގައި ކުރިއަށް ގެންދިޔަ އެންމެ އުފާވެރި ދުވުމާ އެކު އައްޑޫއަށް ބޮޑު އީދެއް އައި ކަމަށެވެ.

މި ދުވުމުގައި ކޮންމެ ކިލޯމީޓަރެއްގައި ބަހައްޓާފައި ހުރި ތަފާތު ފޯމް، ކުލަ އަދި އޮބްސްޓެކަލް ސްޓޭޝަންތަކުގެ ހަރަކާތްތަކުން އެ ދުވުމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިން ކަމަށް އުރީދޫން ބުންޏެވެ. ފަސް ކިލޯމީޓަރުގެ މި ދުވުމަކީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައި، ޖޮގްކޮށްފައި، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމާލެވެ އެެވެ.
އުރީދޫ އިން ވަނީ ފަން ރަންގައި ބައިވެރިވެ ރޭސް ނިންމި ކޮންމެ ބައިވެރިއަކަށް އައްޑޫއަށް ހާއްސަ ދޫނި "ދޮންދީނި" ރަމްޒު ކޮށްދޭ މެޑަލްއެއް ދީފަ އެވެ.

ފަން ރަން ކާމިޔާބު ކަމާ އެކު ނިންމާލެވިފައިވާތީ އުރީދޫ އިން ވަނީ އައްޑޫ ސިޓީ ކައުންސިލާއި އައްޑޫގެ މޭޔަރާއި ޕާޓްނަރުންނާއި މުވައްޒަފުންނާއި ވޮލަންޓިއަރުންނަށް ޝުކުރު އަދާކޮށްފަ އެވެ.
އުރީދޫ ފަން ރަންގެ އަމާޒަކީ ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ.