އެމެރިކާގެ ފުޓްބޯޅަ ލީގު، މޭޖަ ލީގު ސޮކާ (އެމްއެލްއެސް)ގައި ވާދަކުރާ 21 ޓީމެއްގެ ޖުމްލަ މުސާރައަށްވުރެ، އިންޓަ މިއާމީގެ ކެޕްޓަން އަދި ދުނިޔެ ދުށް އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނަލް މެސީއަށް މިދިޔަ ސީޒަނުގައި ލިބުނު އާމްދަނީ ބޮޑު ކަމަށް ރިޕޯޓްތަކުން ހާމަވެއްޖެ އެވެ.
އެމްއެލްއެސްގައި ޖުމްލަ 30 ޓީމު ވާދަކުރެ އެވެ.
މޭޖަ ލީގު ސޮކާ ޕްލޭޔާސް އެސޯސިއޭޝަނުން މިދިޔަ ބުދަ ދުވަހު އާންމުކުރި މާލީ ރިޕޯޓްތަކުން އެނގޭ ގޮތުގައި، ޖެހިޖެހިގެން ތިންވަނަ ސީޒަނުގައި އެމްއެލްއެސްގެ އެންމެ ބޮޑު އާމްދަނީއެއް ލިބުނު ކުޅުންތެރިޔަކީ މެސީ އެވެ.
އޭނާއަށް މިދިޔަ ސީޒަނުގައި ޖުމްލަ 20.4 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. މި އަދަދަކީ ލީގުގައި ހިމެނޭ 21 ޓީމަކުން މުސާރައަށް ކުރާ ޖުމްލަ ހަރަދަށް ވުރެ ބޮޑު އަދަދެކެވެ.
މެސީގެ އާމްދަނީގެ ތެރޭގައި ސީދާ މުސާރައިގެ ގޮތުގައި ހިމެނެނީ 12 މިލިއަން ޑޮލަރެވެ. ބާކީގެ އާމްދަނީ އަކީ ސްޕޮންސަޝިޕް އެއްބަސްވުންތަކުންނާއި، މާކެޓިން ބޯނަސް އަދި އެޖެންޓް ފީ ފަދަ ބައިތަކުން ލިބިފައިވާ ފައިސާ އެވެ.
މެސީއަށްފަހު އެމެރިކާގައި އެންމެ ގިނައިން އާމްދަނީ ލިބޭ ފުޓްބޯޅަ ކުޅުންތެރިޔާއަކީ ޓޮރޮންޓޯ އެފްސީއަށް ކުޅޭ އިޓަލީގެ ލޮރެންޒޯ އިންސީނިއޭ އެވެ. އޭނާއަށް މިދިޔަ ސީޒަނުގައި 15.4 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.
ޓީމުތަކުގެ ޕޭރޯލަށް ބަލާއިރު މެސީ ހިމެނޭ އިންޓަ މިއާމީއަކީ މުސާރައަށް އެންމެ ބޮޑު ހޭދައެއްކުރާ ޓީމެވެ. އެގޮތުން އިންޓަ މިއާމީން މުޅި ސީޒަނަށް ހުރިހާ ކުޅުންތެރިންގެ މުސާރައަށް 46.8 މިލިއަން ޑޮލަރު ހަރަދުކުރެ އެވެ. އެއީ ފާއިތުވި އަހަރަށް ވުރެ ފަސް މިލިއަން ޑޮލަރު އިތުރު އަދަދެކެވެ.
އެމްއެލްއެސްގައި އެންމެ މުސާރަ ކުޑަ ޓީމަކީ މޮންޓްރެއާލް އިމްޕެކްޓް އެވެ. އެ ޓީމުން މުސާރައަށް ކުރާ ހަރަދު އުޅެނީ 12 މިލިއަން ޑޮލަރު ގައެވެ. މިއީ މެސީގެ އެކަނި މުސާރައިގެ އަދަދާ އެއްވަރުގެ އަދަދެކެވެ.
މެސީ އެމްއެލްއެސްއާ ގުޅުމާއެކު ލީގުގެ މަގުބޫލުކަން އިތުރުވެފައިވާއިރު އޭނާގެ ބޮޑު އާމްދަނީއަކީ އެމެރިކާގެ ފުޓްބޯޅައަށް އަންނަ ކުރިއެރުމުގެ ހެއްކެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.