ރާއްޖޭގައި އެކަށީގެންވާ ގޮތަކަށް ފަތުރުވެރިކަން ތަރައްގީވެފައި ނުވާ އަތޮޅުތަކަށް އަމާޒުކޮށްގެން ފަތުރުވެރިކަން ތަރައްގީކުރަން ވަރަށް ބޮޑެތި ލުއިތަކާ އެކު 31 މަޝްރޫއުއެއް ހިންގަން މިއަދު ހުޅުވާލައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން ލުއި ލިބޭ މަޝްރޫއުތައް ހިންގަން ނިންމާފައިވަނީ ހއ، ހދ، ށ، ތ، ލ އަދި އައްޑޫ ސިޓީގައެވެ. އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރުކުރުމުގެ ގޮތުން ސަރުކާރުން ވަނީ މިރަށްތަކުގެ އަގުތައްވެސް ކުރިން އިއުލާންކޮށްފައިވާ ރަށްތަކުގެ އަގަށް ވުރެ 30-70 ޕަސެންޓް ހެޔޮކޮށްފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ފަތުރުވެރިކަން ތަރައްގީވެފައި ނުވާ ސަރަހައްދުތަކުގެ ތެރެއިން ކުއްޔަށް ދޫކުރާ ތަންތަނުގެ ލީސް އެކުއިޒިޝަން ރޭޓުތަކަށް ބަދަލު ގެނައުމާއި، އެ ސަރަޙައްދުތަކުގެ އަދި ފަޅުތަކުގެ ލޮކޭޝަން ޕްރީމިއަމް އުނިކުރުމާއި ކުޑަކުރުމަށް އުސޫލުތަކަށް މިހާރު ބަދަލުތަކެއްވެސް ގެނެސްފައިވާ ކަމަށެވެ. މީގެއިތުރުން ކްލޯޒް ބިޑިންގެ ދަށުންވެސް ރަށްތަކުގެ އަގުތަކަށް ލުއިތަކެއް ދީފައިވެ އެވެ. މީގެތެރޭގައި ހިމެނެނީ:
- ހއ، ހދ، ށ، ތ އަދި އައްޑޫ ސިޓީގެ ފަޅުތަކުގެ ލޮކޭޝަން ޕްރީމިއަމް އުނިކުރުން.
- ހއ، ހދ، ށ، ތ އަދި ލ އަތޮޅުގެ ފަޅުތަކުގެ ޕްރީމިއަމް 30 ޕަސެންޓް ކުޑަކުރުން.
- ތ. އަތޮޅުގެ ރަށްރަށަށް ލޮކޭޝަން ޕްރީމިއަމް އުނިކުރުން.
- ލ. އަތޮޅުގެ ފަޅުތަކުގެ ލޮކޭޝަން ޕްރީމިއަމް 150،000 އެމެރިކާ ޑޮލަރުން 100،000 އެމެރިކާ ޑޮލަރަށް ކުޑަކުރުން.

މިނިސްޓްރީގެ ބަޔާނުގައި ބުނީ އޯޕަން ބިޑިން އުސޫލާއި ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާ ބެހޭ ގަވާއިދާއި، ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށްތަކާއި، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާ ބެހޭ ގަވާއިދުގެ ދަށުން ކުއްޔަށް ދޫކުރާ ތަންތަނުގެ ލީސް އެކުއިޒިޝަންގެ ކޮންމެ ހެކްޓަރަކަށްވެސް ރޭޓްތައް ކުޑަކޮށްފައިވާ ކަމަށެވެ.
ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާ ބެހޭ ގަވާއިދުގެ ދަށުން ހއ، ހދ ، ށ، ތ، ލ އަދި އައްޑު ސިޓީގެ 20 އާއި 40 ހެކްޓަރުގެ ރަށްތަކަށް ދީފައިވާ ސައިޒް ޕްރިމިއަމްތައްވެސް ވަނީ އުނިކޮށްފަ އެވެ. އަދި މިހާރު ހުޅުވާލާފައިވާ ރަށްތައް ނިސްބަތްވާ 6 އަތޮޅުގެ 40 ހެކްޓަރަށް ވުރެ ބޮޑެތި ރައްތަކަށް ދީފައިވާ ސައިޒް ޕްރިމިއަމްތައް 2000000 އެމެރިކާ ޑޮލަރުން 1000000 އެމެރިކާ ޑޮލަރަށް ވަނީ ކުޑަކޮށްފަ އެވެ.
މީގެއިތުރުން އެކި ގަވާއިދުތަކުގެ ދަށުން އެ ސަރަހައްދުތަކުން ކުއްޔަށް ދޫކުރާ ތަންތަން ތަރައްގީކުރުމަށް ދެވޭ ގްރޭސް ޕީރިއަޑް ހަމަވުމުގެ ކުރިން އެތަނެއް ތަރައްގީކޮށް ހުޅުވާނަމަ، އެ ދުވަހުން ފެށިގެން ގްރޭސް ޕީރިއެޑްގެ ބާކީ އޮތް މުއްދަތަށް އަރާ ބިމު ކުލި ފަސްކޮށްދިނުމަށްވެސް މިހާރު ވަނީ ނިންމާފަ އެވެ. އަދި ކުއްޔަށް ދޫކުރާ ތަންތަނުގެ ޑިއުޓީ މައާފް ކުރެވޭ އިންސަންތަވެސް 15 ޕަސެންޓަށް ވަނީ އިތުރުކޮށްދީފަ އެވެ.

ސަރުކާރުން މިހާރު ހުޅުވާލާ ހަ އަތޮޅުގެ ރަށްތަކާއި ތަރައްގީކުރުމަށްފަހު އެ ތަންތަނަށް ގެންނަ ފަރުނީޗަރާއި، ކިޗަން އެޕްލައިންސް، އިކުއިޕްމަންޓް، އިލެކްޓްރޯނިކް އަދި އެމިނިޓީސް އިން ޑިއުޓީ މައާފްކޮށްދޭނެ ކަމުގެ ޔަގީންކަންވެސް މިނިސްޓްރީންދެ އެވެ. އަދި އޯޕަން ބިޑިންއަށް ހުޅުވާލާ ރަށްތަކާއި ފަޅުތަކުގެ ލީސް އެކުއިޒިޝަން ބަހާލައިގެން ދެއްކޭނެ ފުރުސަތު ދިނުމަށްވެސް ވަނީ ނިންމާފަ އެވެ.
ކްލޯޒް ބިޑިންގެ އުސޫލުން ހުޅުވާލަނީ ހއ އަތޮޅުން 2 ޕްރޮޖެކްޓް، ހދ އަތޮޅުން 5 ޕްރޮޖެކްޓް، ތ އަތޮޅުން 3 ޕްރޮޖެކްޓް، ލ އަތޮޅުން 2 ޕްރޮޖެކްޓެވެ. އަދި އޯޕަން ބިޑިންގެ އުސޫލުން ހުޅުވާލަނީ ހއ އަތޮޅުން 3 ޕްރޮޖެކްޓް، ހދ އަތޮޅުން 5 ޕްރޮޖެކްޓް، ށ އަތޮޅުން 3 ޕްރޮޖެކްޓް، ތ އަތޮޅުން 2 ޕްރޮޖެކްޓް، ލ އަތޮޅުން 1 ޕްރޮޖެކްޓެވެ.
އޯޕަން ބިޑިންގެ އުސޫލުން ދޫކުރާ ރަށްތަކުގެ އަގުތައް އުޅެނީ 1.5 މިލިއަން ޑޮލަރާއި 2.1 މިލިއަން ޑޮލަރާ ދެމެދުގައެވެ.
ސަރުކާރުން ދޭ ލުއިތަކާ ގުޅިގެން މި ސަރަހައްދުތަކުގައި ފަތުރުވެރިކަން ފުޅާވެ، ވަޒީފާތަކާއި ވިޔަފާރީގެ ފުރުސަތުތައް ފަހިވުމުގެ ސަބަބުން އެސަރަހައްދުތަކަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ދެކެ އެވެ.