ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ހިދުމަތަށް ފައިސާ ދެއްކޭ ލިމިޓް މާދަމާ އިން ފެށިގެން މަހަކަށް 500 ޑޮލަރަށް ބޮޑުކުރަން ނިންމައިފި އެވެ.
ޑެބިޓް ކާޑުތަކުގެ ޑޮލަރު ލިމިޓް ބޮޑުކުރާއިރު ބީއެމްއެލް އިން ބުނީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަ ގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއްވެސް ގެނެސްފައިވާ ކަމަށެވެ.
އެ ގޮތުން ރާއްޖޭން ބޭރަށް ދަތުރުނުކުރާ ފަރާތްތަކުގެ ކާޑުތައްވެސް ރާއްޖޭން ބޭރަށް ގެންގޮސްގެން އޭޓީއެމްތަކުން ފައިސާ ނަގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.
އެހެންކަމުން މުދަލާއި ހިދުމަތުން ފައިސާ ދެއްކޭ އަދަދު އިތުރުކޮށްދިނުމާއިއެކު އޭޓީއެމްއިން ރާއްޖޭން ބޭރުގައި ނަގުދު ފައިސާ ނެގޭނެ އަދަދަކީ މަހަކު 125 ޔޫއެސް ޑޮލަރު ކަމަށާއި އޭޓީއެމްއިން ފައިސާ ނެގުމުން ޗާޖުކުރެވޭ އަދަދަކީ 10 ޑޮލަރު ކަމަށް ބޭންކުން ބުންޏެވެ.
ޑެބިޓް ކާޑުތަކުން ރާއްޖޭން ޑޮލަރު އެންމެ ގިނައިން ބޭރުކުރެވޭ އެއްކަމަކީ އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދެއްކުންކަން ބީއެމްއެލް އިން ވަނީ ފާހަގަކޮށްފަ އެވެ.
އެހެންކަމުން މިގޮތަށް ފާހަގަކުރެވޭ ބައެއް މަދު ސައިޓްތަކުން ފައިސާ ދައްކާއިރު 30 ޕަސެންޓާ ހަމައަށް ފީއެއް ނެގޭނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.
މި ވަގުތު 30 ޕަސެންޓާ ހަމައަށް ފީ ނެގޭނެ ސައިޓްތައް
- ޓީމޫ
- ޝީއިން
- އަލިބާބާ
- އަލި އެކްސްޕްރެސް
- ލަޒާޑާ
- އީބޭ
މީގެ ތެރޭގައި ޓިކެޓް ނެގުމަށާއި ހޮޓާ ބުކް ކުރުމާއި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތަކަށް ފައިސާގެ މުއާމަލާތްކުރާ ސައިޓްތައް ނުހިމެނޭ ކަމަށާއި ޑޮލަރު އެކައުންޓްތަކަށް ދޫކުރެވިފައިވާ ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތައް ނުހިމެނޭ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި ރާއްޖޭން ބޭރުން މުދަލާއި ހިދުމަތަށް ފައިސާ ދެއްކޭ އަދަދު 500 ޑޮލަރަށް ބޮޑުކޮށްފައިވަނީ މިހާރު ނަގާ ފީ އިތުރުކުރުމަކާ ނުލަ އެވެ.
ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތަކަށް މަހަކަށް ކަނޑައެޅޭ ލިމިޓް ބެލުމުގައި މީގެ ފަހުން ބަލާނީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މަހުގެ ފަހު ދުވަހާއި ހަމައަށް ކަމަށްވެސް ބޭންކުން ވަނީ ބުނެފަ އެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި އެ ބޭންކުން އިސްކަންދެނީ ރާއްޖޭން ބޭރުން ޑެބިޓް ކާޑުން ކުރެވޭ މުއާމަލާތްތަކުގައި އާންމު ފަރުދުންގެ ޒަރޫރީ ބޭނުންތަކަށް ރަނގަޅު ހައްލެއް ހޯދާ ދިނުމަށެވެ.