ދިވެހިން އެންމެ ގިނައިން މުދާ ގަންނަ ބޭރުގެ ސައިޓްތަކުން ވިޔަފާރިކުރާއިރު 30 ޕަސެންޓާ ހަމައަށް ފީއެއް ނަގަން ބީއެމްއެލް އިން ނިންމައިފި އެވެ.
ބީއެމްއެލް އިން މިކަން ހާމަކުރީ އެ ބޭންކުން ދޫކޮށްފައިވާ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ހިދުމަތަށް ފައިސާ ދެއްކޭ ލިމިޓް މާދަމާ އިން ފެށިގެން ބޮޑުކުރަން ނިންމިކަން ހާމަކޮށް ނެރުނު ޕްރެސް ރިލީޒްގަ އެވެ.
އެ ގޮތުން ޑެބިޓް ކާޑުތަކުން ރާއްޖޭން ޑޮލަރު އެންމެ ގިނައިން ބޭރުކުރެވޭ އެއްކަމަކީ އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން "މަދު ސައިޓްތަކުން" ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދެއްކުންކަން ބީއެމްއެލް އިން ވަނީ ފާހަގަކޮށްފަ އެވެ.
މި ގޮތަށް ފާހަގަކުރެވޭ ބައެއް "މަދު ސައިޓްތަކުން" ފައިސާ ދައްކާއިރު 30 ޕަސެންޓާ ހަމައަށް ފީ އެއް ނެގޭނެ ކަމަށްވެސް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.
30 ޕަސެންޓާ ހަމައަށް ފީ ނަގާ ސައިޓްތައް
- ޓީމޫ
- ޝީއިން
- އަލިބާބާ
- އަލި އެކްސްޕްރެސް
- ލަޒާޑާ
- އީބޭ
މި ބަދަލު ގެނައި ނަމަވެސް ޓިކެޓް ނެގުމަށާއި ހޮޓާ ބުކް ކުރުމާއި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތަކަށް ފައިސާގެ މުއާމަލާތްކުރާ ސައިޓްތަކުން ފީ ނުނަގާނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ. އަދި ޑޮލަރު އެކައުންޓްތަކަށް ދޫކުރެވިފައިވާ ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތައް މީގެ ތެރޭގައި ނުހިމެނޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ހިދުމަތަށް ފައިސާ ދެއްކޭ ލިމިޓް މާދަމާ އިން ފެށިގެން މަހަކަށް 500 ޑޮލަރަށް ބޮޑުކުރަން އެ ބޭންކުން ވަނީ ނިންމާފަ އެވެ.