ކުލަބް ވޯލްޑް ކަޕް

އިންޓަ މަޔާމީ ބަލިކޮށް ޕީއެސްޖީ ކްލަބް ވޯލްޑްކަޕްގެ ކުއާޓަ ފައިނަލަށް

ފީފާ ކްލަބް ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ރޭ ކުޅުނު މެޗުގައި ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން އެމެރިކާގެ އިންޓަ މަޔާމީ ބަލިކޮށް، މުބާރާތުގެ ކުއާޓަ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.

އެޓްލާންޓާގެ މަޝްހޫރު މާސެޑޭޒް ބެންޒް ސްޓޭޑިއަމްގައި، ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗު ޕީއެސްޖީން ކާމިޔާބުކުރީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ފަސްދޮޅަސް ފަސް ހާހަށް ވުރެ ގިނަ މީހުން ދަނޑަށް ޖަމާވެފައި ވަނިކޮށް ކުޅުނު މި މެޗުގައި، ޕީއެސްޖީން ޖެހި ހަތަރު ލަނޑުވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ވަނީ ކާމިޔާބުކޮށްފަ އެވެ.

މީގެ ދެ އަހަރު ކުރިން ޕީއެސްޖީ ދޫކޮށް އިންޓަ މަޔާމީއަށް ބަދަލުވި އާޖެންޓީނާގެ ފޯވަޑް ލިއޮނެލް މެސީއަށް މި މެޗު ވަނީ ހާއްސަ މެޗަކަށްވެފަ އެވެ. އެއީ އޭނާގެ ކުރީގެ ކްލަބާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗަށް ވާތީ އެވެ.

މި މެޗުގައި ލަނޑު ޖަހަން ރަގަޅު ދެ ފުރުސަތެއް މެސީއަށް ލިބުނު ނަމަވެސް އޭގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފޭ ގޮތް ވަނީ ނުވެފަ އެވެ. އޭގެ ތެރެއިން އެއް ހަމަލާ ޕީއެސްޖީގެ ކީޕަރު ޖިއަންލުއިޖީ ޑޮނަރޫމާ މަތަކުރިއިރު ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ ޕީއެސްޖީގެ ކުޅުންތެރިން ވަނީ ބްލޮކްކޮށްފަ އެވެ.

މި މުބާރާތުގެ ކުއާޓަ ފައިނަލުގައި އަންނަ ހޮނިހިރު ދުވަހު ޕީއެސްޖީ އާއި ދެކޮޅަށް ނިކުންނާނީ ޖަރުމަނުގެ ބަޔާން މިއުނިކް އެވެ. ދެ ޓީމަކީވެސް މިހާރުގެ ފުޓުބޯޅައިގައި އެންމެ ވަރުގަދަ ދެ ކްލަބަށް ވާތީ، މި މެޗަކީ ފޯރިގަދަ މެޗަކަށް ވެގެންދާނެ ކަމަށް ވަރަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.