ފީފާ ކްލަބް ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ރޭ ބްރެޒިލްގެ ފްލެމިންގޯ އާއި ދެކޮޅަށް ޖަރުމަނުގެ ބަޔާން މިއުނިކް ކުޅުނު މެޗު 4-2ގެ ނަތީޖާއަކުން ކާމިޔާބުކޮށް މުބާރާތުގެ ކުއާޓަ ފައިނަލުގެ ޖާގައެއް ބަޔާން މިއުނިކް އިން ހޯދައިފި އެވެ.
މި މެޗު ކުޅެފައިވަނީ އެމެރިކާގެ މަޔާމީގައި ހުންނަ ހާޑް ރޮކް ސްޓޭޑިއަމް ގައެވެ.
މި މެޗަށް ފްލެމިންގޯ ނިކުތްއިރު އެ ޓީމު އެންމެ ފަހުން ކުޅުނު 11 މެޗުން ބަލިވެފައެއް ނުވެ އެވެ. ނަމަވެސް ބަޔާން މިއުނިކް އިން ވަނީ ފްލެމިންގޯގެ މި ރެކޯޑަށް ނިމުން ގެނެސްފަ އެވެ.
ބަޔާން މިއުނިކް އިން މި މެޗުގައި ލީޑު ނަގާފައިވަނީ މެޗުގެ ހަވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ކޯނަރެއް ޖޯޝުއާ ކިމިޗް ނެގިއިރު އެ ބޯޅަ ދިފާއު ކުރަން އުޅުމުގެ ތެރޭގައި ފްލެމިންގޯގެ މިޑްފީލްޑަރު އެރިކް ޕުލްގާ އަތުން ބައިކޮޅަށް ވަދެގެންނެވެ.
މި ލަނޑަށް ފަހު ބަޔާން މިއުނިކް އިން ވަނީ މެޗުގެ 9 ވަނަ މިނިޓުގައި އިތުރު ލަނޑެއް ޖަހާ މެޗުގެ ކޮންޓްރޯލް ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ހެރީ ކޭން އެވެ.
ބަޔާނުން ދެ ގޯލް ޖެހުމާ އެކު ފްލެމިންގޯ އިން ވަނީ ކުޅުން ރަނގަޅުކޮށް މެޗުގެ 33 ވަނަ މިނިޓްގައި ގޯލެއް ޖަހާފަ އެވެ. ފްލެމިންގޯއަށް މި ގޯލް ޖަހައިދިނީ ގާސަން އެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަތަރު މިނިޓަށް ވެފައިވަނިކޮށް ލިއޮން ގޮރެޓްޒްކާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފަ އެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތާ ދިހަވަނަ މިނިޓުގައި ފްލެމިންގޯ އިން ވަނީ އިތުރު ލަނޑެއް ޖަހާ، ބަޔާން މިއުނިކްގެ ލީޑު ކުޑަކޮށްފަ އެވެ. ނަމަވެސް މެޗުގެ 73 ވަނަ މިނިޓުގައި ހެރީ ކޭން ވަނީ ބަޔާން އިން މި މެޗުގައި ޖެހި ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދީ، މެޗުގެ ނަތީޖާ 4-2 އަށް ބަދަލުކޮށްފަ އެވެ.
މި ނަތީޖާއާއެކު ބަޔާން މިއުނިކް ވަނީ ފީފާ ކްލަބް ވޯލްޑް ކަޕްގެ ކުއާޓަ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ.