ގައުމީ އެއާލައިން -- މޯލްޑިވިއަން އިން އެ ކުންފުނީގެ ޑޭޝް-8 ގެ މަތިންދާބޯޓެއް ވިއްކާލުމަށް އަލުން އިއުލާނުކޮށްފި އެވެ.
އެ މަތިންދާބޯޓު ވިއްކަން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އިން މި އަހަރުގެ ފެބްރުއަރީ މަހު އިއުލާނުކުރި އެވެ. ނަމަވެސް އެ އިއުލާނު ބާތިލުކޮށް އަލުން އިއުލާނުކުރީ އިއްޔެ އެވެ.
އައިއޭއެސްއެލް އިން ބުނީ ޑީ ހެވިލެންޑް ޑީއެޗްސީ-8 މަތިންދާބޯޓު (އެމްއެސްއެން 546) ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.
މި މަތިންދާބޯޓު ގަންނަން ޝައުގުވެރިވާ ފަރާތްތަކުން ބިޑްކުރުމުގެ ފުރުސަތު ވަނީ މިމަހުގެ 10 ވަނަ ދުވަހުގެ މެންދުރުފަހު 2:30 އާ ހަމައަށް ހުޅުވާލާފަ އެވެ.
މޯލްޑިވިއަން އިން ދަނީ އެ ކުންފުނީގެ ޑޭޝް8 މަތިންދާބޯޓުތަކުގެ ބަދަލުގައި އޭޓީއާރް މަތިންދާބޯޓުތައް ހޯދަމުންނެވެ.