ކެނެޑާއިން އެމެރިކާގެ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކަށް އަމާޒުކޮށް ނަގަން ފަށާފައިވާ ޓެކްސްތައް އުވާލައިފި އެވެ.
ކެނަޑާ އިން މިގޮތަށް ނިންމާފައި މިވަނީ ޓެކްސްގެ ފުރަތަމަ ފައިސާ ދައްކަން ޖެހޭ ވަގުތު ކުޑަތަން ވަނިކޮށެވެ. ކެނަޑާގެ ނިންމުމާއެކު، ދެ ގައުމުގެ ދެމެދުގައި ހުއްޓިފައިވާ ވިޔަފާރި މަޝްވަރާތައް އަލުން ފެށުމަށް މިހާރު ވަނީ މަގުފަހިވެފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ހުކުރު ދުވަހު ވަނީ ކެނެޑާއިން ނަގަން ނިންމާފައިވާ ޓެކްސް އަކީ "ސީދާ ހަމަލާއެއް" ކަމަށް ސިފަކުރައްވައި، ވިޔަފާރި މަޝްވަރާތައް ހުއްޓަވާލައްވާފަ އެވެ. އަދި ކެނެޑާއިން އެމެރިކާއަށް އެތެރެކުރާ މުދަލަށް އިތުރު ޓެރިފް ނަގާނެ ކަމުގެ އިންޒާރުވެސް ދެއްވި އެވެ
ޓްރަމްޕްގެ އިންޒާރާ ގުޅިގެން ކެނެޑާއިން ވަނީ ޓެކްސް އުވާލާނެ ކަމަށް ބުނެފަ އެވެ. އަދި މިހާރު މިވަނީ ޓެކްސް ނުނަގަން ކެނަޑާއިން ނިންމާ އެކަން ތަންފީޒު ކުރަންވެސް ނިންމާފަ އެވެ.
ވައިޓް ހައުސްގެ އިކޮނޮމިކް އެޑްވައިޒަރު ކެވިން ހެސެޓް، ހޯމަ ދުވަހު ފޮކްސް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ކެނަޑާގެ ނިންމުމާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި މަޝްވަރާތައް އަލުން ފަށާނެ ކަމަށެވެ.
ކެނަޑާ އިން ކުރިން ނިންމާފައި އޮތީ ޑިޖިޓަލް ސާވިސަސް ޓެކްސް (ޑީއެސްޓީ)ގެ ދަށުން، އެމެރިކާގެ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަށް ކަމަށްވާ އެމެޒޯން، މެޓާ، ގޫގުލް އަދި އެޕަލް ފަދަ ކުންފުނިތަކަށް، ކެނެޑާގައި ލިބޭ އާމްދަނީ 20 މިލިއަން ޑޮލަރަށް ވުރެ މަތިވެއްޖެނަމަ ތިން އިންސައްތައިގެ ޓެކްސްއެއް ނަގާށެވެ.
ކެނެޑާގެ ފިނޭންސް މިނިސްޓަރު ފްރާންސޮއިސް-ފިލިޕް ޝެމްޕެއިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެ ޓެކްސް އުވާލަން މިހާރު ނިންމާފައިވާ ކަމަށެވެ.