ކަޒަކިސްތާނުގައި އާންމު ތަންތަންތަނުގައި މޫނު ބުރުގާ އެޅުން ރަސްމީކޮށް މަނާކޮށްފި އެވެ.
ކަޒަކިސްތާންގެ ރައީސް ކާސިމް ޖޮމާޓް ޓޯކާޔެވް މިހާރު ވަނީ މިކަމާ ގުޅޭ ގާނޫނު ތަސްދީގު ކުރައްވާފަ އެވެ.
މެދުތެރޭ އޭޝިއާގެ ގައުމުތަކުގެ ތެރެއިން މިފަދަ ނިންމުމެއް ނިންމި އެންމެ ފަހުން ނިންމި ގައުމަކަށް ކަޒަކިސްތާނު ވެގެން ގޮސްފައިވާއިރު، މިއީ އެ ސަރަހައްދުގެ ގައުމުތަކުގައި ކުރަމުންދާ ކަމެކެވެ.
އާންމު ތަންތަންތަނުގައި މޫނު ނިވާ ކުރުން ނުވަތަ މީހުން ދެނެގަތުމަށް ހުރަސްއަޅާ ފަދަ ހެދުން އެޅުން މަނާކުރާ ގޮތަށް ކަނޑައަޅާފައިވާ ގާނޫނުގައި ވަކި ދީނެއް ނުވަތަ ވަކި ހެދުމެއްގެ ވައްތަރެއް ތަފްސީލްކޮށް ބަޔާންކޮށްފައެއް ނުވެ އެވެ. ނަމަވެސް މި ގާނޫނުން ބައެއް ހާލަތްތަކަށް އިސްތިސްނާ ލިބިދެ އެވެ. އެގޮތުން ސިއްހީ ސަބަބުތަކަށްޓަކައި، މޫސުން ގޯސްވުމުގެ ސަބަބުން، ކުޅިވަރު ކުޅުމުގައި އަދި ސަގާފީ ހަރަކާތްތަކުގައި މޫނު ނިވާކުރާ ފަދަ ހެދުން ބޭނުންކުރުމަކީ ހުއްދަ ކަމެއް ކަމަށް ގާނޫނުގައި ވެއެވެ.
ކަޒަކިސްތާނުގެ އާބާދީގެ ބޮޑުބައި ހިއްސާކުރަނީ މުސްލިމުންނެވެ.
މި ގާނޫނާ ގުޅިގެން ރައީސް ޓޯކާޔެވް ވަނީ މިއީ ކަޒަކިސްތާނުގެ އަމިއްލަވަންތަކަން ދައްކުވައިދިނުމަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށް ސިފަކުރައްވާފަ އެވެ.
ރައީސް ކާސިމް ވިދާޅުވީ މޫނު ނިވާކުރާ ކަޅު ހެދުން އެޅުމުގެ ބަދަލުގައި، ގައުމީ ވައްޓަފާޅި ދައްކުވައިދޭ ހެދުންތައް މަގުބޫލުކުރުން މާމުހިއްމު ކަމަށެވެ.
ގައުމީ ހެދުންތަކުން ކަޒަކިސްތާނުގެ ހައިބަތާއި ތާރީޚީ ކަންތައްތައް މާބޮޑަށް ދައްކުވައިދޭ ކަމަށް ރައީސް ޓޯކާޔެވް ވަނީ ފާހަގަކުރައްވާފަ އެވެ. މިފަދަ ނިންމުންތަކަކީ ގައުމުގެ ސަގާފީ އާދަކާދަތަކަށް ދެވޭ އިސްކަމެއްގެ ގޮތުގައި އެގައުމުން ސިފަކުރެ އެވެ.