ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ސިންގަޕޫރަށް މިހާރު ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެ ގައުމުގެ އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އައިޓީއީ) ހެޑްކުއާޓާޒްއާއި އައިޓީއީ ކޮލެޖް ސެންޓްރަލްއަށް މިއަދު ޒިޔާރަތްކުރައްވައިފި އެވެ.
މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މަރްހަބާ ވިދާޅުވީ އައިޓީއީގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސާ ޑރ. ގޯ މޮންގް ސޮންގް އެވެ.
އައިޓީއީގެ ސަބްސިޑަރީއެއް ކަމަށްވާ އައިޓީއީ އެޑިއުކޭޝަން ސާވިސަސް (އައިޓީއީއެސް) މެދުވެރިކޮށް، އެ މުއައްސަސާއިން ދަނީ ބޭރު ގައުމުތަކުގެ ސަރުކާރުތަކާއި، ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކާއި، އަމިއްލަ ފަރާތްތަކަށް، ހުނަރު ތަރައްގީ ކުރުމާއި ވޮކޭޝަނަލް ތަމްރީނު ފޯރުކޮށްދެމުންނެވެ.
މި ޒިޔާރަތުގައި އައިޓީއީގެ މެނޭޖްމަންޓުން ވަނީ އިންސްޓިޓިއުޝަނަލް ޕާޓްނަރެއްގެ ގޮތުގައި ދިވެހިރާއްޖެއަށް މަރުހަބާ ކިޔާކަން ހާމަކޮށްފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މީގެ ކުރިން ވަނީ މަތީ ތައުލީމާއި ތައުލީމީ ސިޔާޮޮސަތާއި ފަންނީ އަދި ވޮކޭޝަނަލް ތައުލީމާއި ރިސާޗްގެ ދާއިރާއިން އެއްބާރުލުން ދިނުމަށް އައިޓީއީ އާއި ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ހަޔަ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފަ އެވެ.
އައިޓީއީގެ މެނޭޖްމަންޓުން ފާހަގަކުރައްވާ ގޮތުގައި ފަންނީ ހުނަރުވެރިކަމާއިއެކު ސޮފްޓް ސްކިލްސް ނުވަތަ އެކަކު އަނެކަކާއެކު ހަރުދަނާ އުސްލޫބުތަކުގައި ހިފަހައްޓައިގެން އުޅުމުގެ ހުނަރުވެރިކަމަށް އެ މުއައްސަސާއިން ހާއްސަ ސަމާލުކަމެއް ޗދެއެވެ. އަދި އައިޓީއީގައި ބޭނުންކުރާ މުގައްރަރުތަކަކީ ދާއިރާގެ ތަޖުރިބާކާރުންގެ ރައުޔުގެ މައްޗަށް ބިނާކުރެވޭ މުގައްރަރުތަކެއް ކަންވެސް ފާހަގަކުރި އެވެ.
މިޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަކި ވަކި ގައުމުތަކުގެ ހާލަތާ ގުޅޭ ގޮތަށް ހަރުދަނާ ގޮތެއްގައި، ފަންނީ އަދި ވޮކޭޝަނަލް ތައުލީމު ދެ ގައުމުގެ މެދުގައި ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމުގައި އެއްބަސްވެފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް އައިޓީއީ އިން ދޭ އެއްބާރުލުމާއި ގެންގުޅޭ ވިސްނުމަށް ޝުކުރު އަދާކުރެއްވި އެވެ.