ދިވެހިރާއްޖޭގައި ގާއިމުކުރާ ފުރަތަމަ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ގޮތުގައި "ޕްރޮޖެކްޓް ސޯލަ ސިޓީ"، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފި އެވެ.
ރާއްޖޭގައި ގާއިމުކުރާ އެސްއީޒެޑެއްގައި ހިންގިދާނެ އިގްތިސާދީ މަސައްކަތްތަކާއި، އެއިން ޒޯނެއްގައި ހިމެނޭ ޖުމުލަ އިންވެސްޓްމަންޓުގެ އެންމެ ކުޑަ މިންގަނޑު، ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނުގެ ދަށުން މިއަހަރުގެ ޖެނުއަރީ 12 ވަނަ ދުވަހު ޝާއިއުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި ވަނީ ކަނޑައަޅުއްވާފަ އެވެ.
ޕްރޮޖެކްޓް ސޯލަ ސިޓީގެ ނަމުގައި ހައި ޓެކްނޮލޮޖީ ޕާކެއް ތަރައްގީކުރުމަށްޓަކައި އޭޕީއެމް އެސްޕީވީ ޕްރައިވެޓް ލިމިޓެޑާއި ބޯޑް އޮފް އިންވެސްޓްމަންޓާއި ދެމެދު މިއަދު ވަނީ އިންވެސްޓްމަންޓް އެގްރީމަންޓެއްގައި ސޮއިވެސް ކޮށްފަ އެވެ.
ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ޕްރޮޖެކްޓް ސޯލަ ސިޓީ، ރައީސުލްޖުމްހޫރިއްޔާ މިއަދު ކަނޑައެޅުއްވިއިރު އެ ޒޯނުގައި ކުރުމަށް ހުއްދަ ދެވިފައިވާ ކަންކަމަކީ:
- 100 މެގަވޯޓްގެ ސޯލަ ފޮޓޯވޮލްޓިކް ސިސްޓަމެއް ގާއިމުކޮށް އޮޕަރޭޓް ކުރުން.
- މީޓިންގްސް، އިންސެންޓިވްސް، ކޮންފަރެންސެސް އަދި އެގްޒިބިޝަންސް (އެމްއައިސީއީ) ހިމެނޭހެން ފަތުރުވެރިކަން ތަރައްގީކޮށް އޮޕަރޭޓްކުރުން.
- ލޮޖިސްޓިކްސް، ސްޓޯރޭޖާއި އިންޑަސްޓްރިއަލް ހަބެއް ތަރައްގީކޮށް އޮޕަރޭޓްކުރުން.
- ރިއަލް އެސްޓޭޓް ތަރައްގީކުރުން
މި ޒޯނަށް ކަނޑައެޅިފައިވާ އިނާޔަތްތައް ގަރާރުގައި ހިމަނައި، މީގެ އިތުރުން ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދު ފާހަގަކޮށްފައިވާ ޗާޓު ވަނީ ގަރާރުގެ ބައެއްގެ ގޮތުގައިވެސް ޝާއިއުކޮށްފަ އެވެ.