ޓީޖީއެސްޓީގެ ގޮތުގައި 17 ޕަސެންޓް މިއަދުން ފެށިގެން ނަގަން ފަށައިފި އެވެ.
ޓީޖީއެސްޓީއަށް މިއަދާ ހަމައަށް ނަގަމުން އައީ 16 ޕަސަންޓެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ޓީޖީއެސްޓީއަށް އެއް ޕަސަންޓް އިތުރުކުރަން ނިންމީ ދައުލަތުގެ ފިސްކަލް ހާލަތު ރަނގަޅު ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މިއަހަރުގެ ބަޖެޓްގައިވާ ގޮތުން ޓީޖީއެސްޓީއަށް އެއް ޕަސަންޓް އިތުރުކުރުމުން މިއަހަރުގެ ޖުލައި އެއްވަނަ ދުވަހުން ފެށިގެން މިއަހަރުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 202 މިލިއަން ރުފިޔާ އިތުރަށް ލިބޭނެ އެވެ.
ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކާ އެކު އެއާޕޯޓް ޑިވަލޮޕްމެންޓް ފީ އާއި ޑިޕާޗާ ފީގެ ގޮތުގައިވެސް އިތުރު 1.5 ބިލިއަން ރުފިޔާ އާއި ގްރީން ޓެކްސް ބޮޑުކޮށްގެން އިތުރު 964 މިލިއަން ރުފިޔާ އިތުރަށް ހޯދޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ދައުލަތަށް މިއަހަރުގެ މިހާތަނަށް ޓީޖީއެސްޓީގެ ގޮތުގައި 5.6 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ ޓީޖީއެސްޓީގެ ގޮތުގައި އަހަރުގެ މިހާތަނަށް ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީއަށް ވުރެ 200 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ރާއްޖެއަށް ޓެކްސް ނިޒާމެއް ރަސްމީކޮށް ތައާރަފް ކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އެކަމަކު ޓީޖީއެސްޓީ ތައާރަފްކޮށް ނަގަން ފެށީ 2013 ވަނަ އަހަރު އެވެ. ޓީޖީއެސްޓީގެ ގޮތުގައި އެންމެ ފުރަތަމަ ނެގީ އަށް ޕަސެންޓެވެ.