ރައްޔިތުންގެ މަޖިލިސް

ބޮޑު ކަންނެލީގެ މަސްވެރިންނަށް ހުރި ދަތިތަކާ ގުޅޭ ކުއްލި މައްސަލައެއް

ބޮޑު ކަންނެލީގެ މަސްވެރިންނަށް ހުރި ދަތިތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު އެވެ.

މި ކުއްލި މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް ފާސްވީ ވޯޓު ދެއްވި 40 މެންބަރުންގެ އިއްތިފާގުންނެވެ.

ކުއްލި މައްސަލަ ހުށަހެޅުއްވަމުން ޒިޔާދު ވިދާޅުވީ މަސްވެރިން ބާނާ މަސް، މިފްކޯ މެދުވެރިކޮށް ސަރުކާރުން ގަންނަ ގޮތަށް ބަދަލުކޮށް ބޮޑު ކަންނެލީގެ މަސްވެރިންނަށް މިފްކޯގެ ހިއްސާ ލިބޭނެ ގޮތް ހެދުމާއި ބޮޑު ކަންނެލީގެ އަގު 80 ރުފިޔާ އާއި 100 ރުފިޔާއާ ދެމެދުގައި ބެހެއްޓުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމަށެވެ.

ޒިޔާދު ވިދާޅުވީ އެ ވައުދު މިއަދާ ހަމައަށްވެސް ފުއްދިފައިނުވާ ކަމަށާއި ބޮޑު ކަންނެލީގެ މަސްވެރިން ބާނާ ކަންނެލި ކިރޭނެ ގޮތެއް ނެތް ކަމަށެވެ.

ކަންނެލި ކިރުމަށްފަހު ފައިސާ ލިބުން ލަސްވަމުންދާ ކަމަށާއި މަސްވެރިކަން ކުރުމަށް ހުރި ދަތިތައް އިތުރުވަމުންދާ ކަމުގެ ޝަކުވާ މަސްވެރިން ކުރަމުންދާ ކަމަށްވެސް ޒިޔާދު ވިދާޅުވި އެވެ.

"މި ހިނދުގައިވެސް 120 ޓަނަށްވުރެ ގިނަ އަދަދެއްގެ ބޮޑު ކަންނެލި ނުކިރި އެކިއެކި ދޯނިފަހަރުގައި އެބަހުރި،" ޒިޔާދު ވިދާޅުވި އެވެ.

ޒިޔާދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ އެ ކަންނެލިތައް ބަހައްޓަން ޖެހުމުން ހަލާކުވުމުގެ ބިރު އޮތްކަމުގެ ކަންބޮޑުވުން ބޮޑު ކަންނެލީގެ މަސްވެރިން ފާހަގަކުރާ ކަމަށެވެ.

މީގެ އިތުރުން މަސްވެރިކަން ރަނގަޅުވާ ދުވަސްވަރު އެކަށީގެންވާ މިންވަރަށް މަސް ކިރޭނެ ގޮތް ނެތުމުން މަސްވެރިން ތަކުލީފު އުފުލަމުންދާ ކަމަށްވެސް ކުއްލި މައްސަލައިގައިވެ އެވެ.