ދުންފަތުގެ އިސްތިއުމާލް

މިމަހު 17ގެ ފަހުން ލައިސަންސް ނެތި ދުންފަތް ވިއްކުން މަނާވާނެ

މިމަހުގެ 17 ވަނަ ދުވަހުގެ ފަހުން ލައިސަންސް ނެތި ދުންފަތުގެ ވިޔަފާރީގެ މުއާމަލާތްކުރުން މަނާވާނެކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަނދާންކޮށްދީފި އެވެ.

ދުންފަތުގެ ބާވަތްތައް އިމްޕޯޓްކުރުމަށާއި ރީ-އެކްސްޕޯޓް ކުރުމަށާއި ރާޢްޖޭގައި ވިއްކުމަށް ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން އާންމުކޮށްފައިވާ ދުންފަތް ކޮންޓްރޯލް ކުރުމާގުޅޭ އާއްމު ގަވާއިދުގެ ދަށުން ދުންފަތުގެ ވިޔަފާރި ކުރުމަށް ވަކި ލައިސަންސެއް ނަގަންޖެހެ އެވެ.

ދުންފަތުގެ ވިޔަފާރި ކުރުމަށް ނަގަންޖެހޭ ލައިސަންސް ނެގުމަށް ބޭނުންވާ ފަރާތްތަކުން ވަންގަވް ޕޯޓަލް މެދުވެރިކޮށް އެ ހުއްދަ ހޯދުމުގެ ފުރުސަތު މި އަހަރުގެ އެޕްރީލް 17 ވަނަ ދުވަހުން ފެށިގެން ތިން މަސް ދުވަހަށް ހުޅުވާލި އެވެ.

އެޗްޕީއޭ އިން މިއަދު ބުނީ އެ މުއްދަތު މިމަހުގެ 17 ވަނަ ދުވަހަށް ހަމަވާނެކަން ހަނދާންކޮށްދީފަ އެވެ. އަދި މި ތާރީހަށްފަހު އެ ލައިސަންސް ނެތި ދުންފަތުގެ ވިޔަފާރީގެ މުއާމަލާތްތައް ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެއް ކަމަށްވެސް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.