ފިނޭންސް މިނިސްޓްރީ

އަންނަ އަހަރުގެ ބަޖެޓުގެ އިންފޯގްރަފީ މަސައްކަތް ކުރާނެ ބަޔަކު ހޯދަނީ

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ އިންފޯގްރަފީ ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ ބަޖެޓުގައިވާ މައުލޫމާތު އެ މިނިސްޓްރީގެ ފަރާތުން ރައްޔިތުންނަށް ވީހާވެސް ބޮޑަށް ފަހުމްވާ ގޮތަށް އަދި ފަސޭހައިން ލިބޭނެ ގޮތް ހެދުމުގެ ބޭނުމުގައި 2026 ވަނަ އަހަރުގެ ބަޖެޓާގުޅޭ އިންފޯގްރަފީ ތައްޔާރުކުރުމަށް ބޭނުންވާ ކަމަށެވެ.

މިގޮތުން ބަޖެޓު ފޮތުގެ ޑިޒައިނާއި ލޭއައުޓް އަދި އިންފޮމޭޝަން ބުކްލެޓެއް ތައްޔާރުކުރުމަށް ނިންމާފައިވާ ކަމަށާއި އެހެންކަމުން މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކުގެ ބިޑު އިވެލުއޭޓްކުރުމަށް ހަމަޖެހިފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ.

އެގޮތުން ބިޑް ހުށަހަޅަންޖެހޭނީ ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރް) އާއި އެއްގޮތަށް ފުރަތަމަ ސިޓީ އުރައިގައި ޓެކްނިކަލް ޕްރޮޕޯސަލް ކަމަށާއި އަދި ދެވަނަ ސިޓީ އުރައިގައި އަގުގެ ޕްރޮޕޯސަލް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 10 ވަނަ ދުވަހުގެ މެންދުރުފަހު 1:30 ގެ ކުރިން ބިޑް ހުށަހަޅަންޖެހެ އެވެ.