ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ ހުރި މަސައްކަތްތައް ނުނިމެނީސް މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މައިގަނޑު ގޮތެއްގައި ކުރި މަސައްކަތަކީ އެމްޑީޕީގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ)) ހުށަހެޅުއްވި ކުއްލި މައްސަލަ އަކަށް މެންބަރުން ބަހުސް ކުރެއްވުމެވެ.
ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ދޯނިތަކުން ބާނާފައިވާ 120 ޓަނަށް ވުރެ ގިނަ ބޮޑުކަންނެލި ނުކިރުވާ ކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލައަށް މެންބަރުން ވަނީ ގަޑިއެއްހާއިރު ބަހުސްކޮށްފަ އެވެ.
ކުއްލި މައްސަލައަށްފަހު ކުރިއަށް ގެންދިޔައީ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމަށް ވެރިކަން ކުރާ ޕީއެންސީގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ހުށަހެޅުއްވި ބިލަށް ބަހުސް ކުރުމެވެ. އެ ބިލަށް ތިން މެމްބަރަކު ބަހުސް ކުރެއްވުމާ އެކު މަޖިލީހުގެ ހުސް ވަގުތުކޮޅު ޖެހިފައިވާ ކަމަށް ވިދާޅުވެ މަޖިލިސް ފެށިތާ 1 ގަޑިއިރާ 34 މިނެޓުގެ ތެރޭގައި މަޖިލީހުގެ ރިޔާސަތުން ވަނީ މިއަދުގެ ޖަލްސާ ނިންމާލާފަ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލީ ފަނޑިޔާރުންގެ ބިލަށް ބަހުސް ކުރަން މެންބަރުންނަށް ފުރުސަތު ދެއްވާނެ ކަމަށް ވިދާޅުވެފައި އަންނަ ހޯމަ ދުވަހު މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ކަމަށް އިއުލާންކުރުމަށްފަހު އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލިއިރު ކޮމިޓީތަކުގެ ބައެއް ރިޕޯޓްތައް ޖަލްސާއަށް ހުށަހެޅުމަށް އެޖެންޑާކޮށްފައި ހުއްޓެވެ. އެހެންވެ ޖަލްސާ މިއަދު ނިންމާލި ވަކި ސަބަބެއް އެނގިފައެއް ނުވެ އެވެ.