އަތޮޅު ހޮސްޕިޓަލްތަކުން މާލޭގައި ހުންނަ ސްޕެޝަލިސްޓް ވަކި ޑޮކްޓަރަކަށް ދެއްކުމަށް ރެފާ ކުރުމުން އެފަދަ މީހުން ފަސޭހަ އިން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި މިއަދު ވާހަކަދައްކަވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ހަލީމް ވިދާޅުވީ މާލޭގައި ހުންނަވާ ވަކި ސްޕެޝަލިސްޓް ޑޮކްޓަރަކަށް ދެއްކުމަށް އަތޮޅު ތެރެއިން މާލެއަށް އަންނަ މީހުންނަށް ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ ގޮތްތަކެއް ހަމަޖެއްސުމަށް ހެލްތު މިނިސްޓްރީއާ އެކު މަޝްވަރާކުރަމުންދާ ކަމަށެވެ.
"މިގޮތަށް ފިލްޓާ ވެގެން މާލެއަށް އަންނަ މީހުންނަށް ފަސޭހަ އެރޭންމަންޓެއް ހެދޭތޯ މިދަނީ ބަލަމުން،" ހަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލޭގައި މަސައްކަތް ކުރައްވާ ޑޮކްޓަރުން އަތޮޅު ތެރެއަށް ފޮނުވައިގެންވެސް ބަލި މީހުން ބެލުމުގެ މަސައްކަތް އަދި ބައެއް ކަހަލަ އޮޕަރޭޝަންތައްވެސް އަތޮޅު ތެރޭގައި ކުރިއަށް ގެންދ ކަމަށެވެ. އެގޮތަށް އިންތިޒާމުތައް ހަމަޖެއްސުމުންވެސް މާލެއަށް އަންނަ މީހުންގެ އަދަދު މަދުކުރެވޭނެ ކަމުގައި ވިދާޅުވި އެވެ.
ކޮމިޓީގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ މެޑިކަލް ޑިރެކްޓަރު ޑރ. އާމިނަތު ޒޭބާ އަހްމަދު ވިދާޅުވީ އަތޮޅު ތެރޭގައި ޓެލެ މެޑިސިންގެ ސާވިސް ފެށުމަކީވެސް މާލޭގައި ހުންނަ ޑޮކްޓަރަކަށް ފަސޭހައިން ދައްކާލެވި މާލެއަށް ނައިސް ހިދުމަތް ހޯދޭނެ ގޮތެއް ކަމަށެވެ. އެހެންވެ ޓެލެ މެޑިސިންގެ ހިދުމަތް ހދ. ކުޅުދުއްފުއްޓާއި ފ. ނިލަންދޫގައި ފަށަން ތައްޔާރުވަމުންދާ ކަަމަށް ވިދާޅުވި އެވެ.