ފެނަކަ ކޯޕްރޭޝަން

ރެފްކޫލްއަށް 700،000 ރުފިޔާ ދައްކަން ފެނަކައިގެ މައްޗަށް ހުކުމެއް

ރެފްކޫލް މޯލްޑިވްސްއަށް 700،000 އަށް ވުރެ ގިނަ ރުފިޔާ ދައްކަން، ފެނަކަ ކޯޕަރޭޝަންގެ މައްޗަށް ހުކުމެއް ކޮށްފި އެވެ.

ރަށްރަށުގެ ފެނާއި ކަރަންޓު އަދި ނަރުދަމާގެ ހިދުމަތް ދިނުމަށް އުފައްދާފައިވާ ކުންފުނި ފެނަކައިގެ މައްޗަށް ބުދަ ދުވަހު ކުރި ހުކުމަކީ، ރެފްކޫލް ކުންފުނިން ފެނަކައަށް ފޯރުކޮށްދީފައިވާ ހިދުމަތްތަކަކަށް ދައްކަން ޖެހޭ ފައިސާ އެވެ.

މި ފައިސާއާ ގުޅިގެން ސިވިލް ކޯޓުގައި ފެނަކައިން އެދުނީ ފައިސާ ތިން އިންސްޓޯލްމަންޓަށް ބަހާލައިގެން ދައްކާށެވެ. އެކަމަށް ރެފްކޫލް ކުންފުނިންވެސް އެއްބަސްވާތީ ސިވިލް ކޯޓުގެ ގާޒީ ސިނާން އަލީ ހުކުމް ކުރެއްވީ ތިން މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކާ ހަލާސް ކުރާށެވެ.

ފެނަކަ އަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ދަރަނީގެ މައްސަލަ އެންމެ ބޮޑު އެއް ކުންފުންޏެވެ. އެ ކުންފިން އެތައް ބަޔަކަށް އެތައް މިލިއަން ރުފިޔާއެއް ދައްކަން ހުކުމްކޮށްފައިވެ އެވެ.