ޑރ. މުހައްމަދު މުއިއްޒު

ސިންގަޕޫރާއެކު އޮތް ގުޅުން އިތުރު ހަރުފަތަކަށް ގެންދެވިއްޖެ: ރައީސް

ސިންގަޕޫރު ދަތުރުފުޅާ އެކު ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސިންގަޕޫރުގެ ރައީސް ތަރުމަން ޝަންމުގަރަނަމްގެ ދައުވަތަކަށް މިދިޔަ ޖޫން 29 އިން މިއަދުގެ ނިޔަލަށް އެ ގައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ރައީސް މުއިއްޒު މިއަދު ވަނީ ނިންމަވާލައްވާފަ އެވެ.

ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވަނީ ސިންގަޕޫރު ސަރުކާރުން އެމަނިކުފާނާއި ދިވެހި ވަފްދަށް ދެންނެވި ހޫނު މަރުހަބާއާއި އަދާކުރެއްވި މެހެމާންދާރީއަށް ޝުކުރުއަދާކުރައްވާފަ އެވެ. މިދަތުރުފުޅުގައި ކުރިއަށް ގެންދެވުނު މަޝްވަރާތަކުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ބަދަހި ގުޅުމެއް ގާއިމުވެގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސްގެ ސިންގަޕޫރު ދަތުރުފުޅުގައި ވަނީ ދެ ގައުމުގެ ދެމެދުގައި ތިން އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އަދި ސިންގަޕޫރުގައި ބޭއްވި ބިޒްނަސް ފޯރަމެއްވެސް ރައީސް ވަނީ ފައްޓަވައިދެއްވާފަ އެވެ.

ރައީސް އިތުރަށް ވިދާޅުވީ ސިންގަޕޫރާއި ރާއްޖެއާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު މިއަހަރު ފުރޭއިރު އެމަނިކުފާނުގެ ދަތުރުފުޅާއެކު ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.