ފަނޑިޔާރުންނާއި ފަނޑިޔާރުކަން ކުރެއްވި ބޭފުޅުންނާއި އެބޭފުޅުންގެ ޑިޕެންޑެންޓުން އަދި މައިން ބަފައިންނަށް ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ،
ފިނޭންސް މިނިސްޓްރީން މި އިއުލާނުކުރީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެދުމަށެވެ.
އެ މިނިސްޓްރީން ވަނީ ފަނޑިޔާރުންނާއި، ފަނޑިޔާރުކަން ކުރެއްވި ބޭފުޅުންނާއި، އެބޭފުޅުންގެ ޑިޕެންޑެންޓުން އަދި މައިން ބަފައިންނަށް ހެލްތު އިންޝުއަރެންސްގެ ހިދުމަތް ތިން އަހަރުގެ މުއްދަތަށް ފޯރުކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފަ އެވެ.
މި މަސައްކަތްތަކަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެންސީބީ) އުސޫލުގެ މަތިން ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭއިރު ފައިސާ ބަލައިގަންނާނީ މިމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރުފަހު 2:00 އަށް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް -- ބަނޑޭރި ޕޭ މެދުވެރިކޮށް ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.
މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 170,550ރ. ހުށަހަޅަންޖެހޭއިރު ބިޑު ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދިވެރިކޮށް މިމަހުގެ 10 ވަނަ ދުވަހުގެ 10:00 ގެ ކުރިންނެވެ.