އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ މެންބަރު މުހައްމަދު އާސިފް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުން ސިވިލް ކޯޓަށް ނުބެލޭނެ ކަމަށް އެ ކޯޓުގެ އިސްގާޒީ މަރިޔަމް ވަހީދު ކަނޑައަޅުއްވައިފި އެވެ.
ފަނޑިޔާރުންގެ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ހުށަހެޅި ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރެވެމުން ދަނިކޮށް، ސިވިލް ކޯޓުން ބުދަ ދުވަހު ނިންމީ އާސިފް މަގާމުން ވަކިކުރި މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށެވެ.
ބޮޑެތި ތުހުމަތުތަކާ އެކު އީސީގެ މެންބަރުކަމުން އާސިފް ވަކިކުރީ މިހާރު މިއޮތް ޕީއެންސީގެ މެޖޯރިޓީ އޮންނަ މަޖިލީހުން މިދިޔަ އަހަރު އެވެ.
އާސިފް ވަކިކުރަން 68 މެންބަރުން ވޯޓު ދިންއިރު ނުފެންނަ ކަމަށް 10 މެންބަރަކު ވޯޓު ދެއްވި އެވެ. ގިނަ ތުހުމަތުތަކަކާ އާސިފް މަގާމުން ވަކިކުރުމުން އޭނާ އެ މައްސަލަ ހުށަހެޅީ ސިވިލް ކޯޓަށެވެ.
މަޖިލީހުން، އާސިފް ހިމެނޭހެން އީސީގެ ތިން މެންބަރުން ވަކިކުރީ، އެ ތިން މެންބަރުންނާ ގުޅުން އޮންނަ ވަކި ވިޔަފާރި ކުންފުންޏަކާ ގުޅިގެން އީސީއަށް ބޭނުންވާ ކޮމްޕިއުޓަރު ސިސްޓަމްތަކެއް ހޯދުމާއި، ގުޅުން އޮންނަ ކުންފުންޏަކުން އީސީއަށް ބޭނުންވާ ބައެއް ސާމާނު ހޯދުމާއި، އީސީގެ މުވައްޒަފުންނާ މުއާމަލާތްކުރުމުގައި އިހުތިރާމު ކުޑަކޮށް ބޭއަދަބީ ބަހުން މުއާމަލާތް ކޮށްފައިވުމާއި އެ ތިން މެންބަރުން ވާހަކަ ދައްކާއިރު ކޮރަޕްޝަނަކީ މައްސަލައެއް ނޫން ކަމަށާއި، ފައިސާއަށްޓަކައި ވޯޓު ވިއްކާނެ ކަމަށާއި އެ ކަންކަމަކީ މައްސަލައެއް ނޫން ކަމަށް ބުނެފައިވުމާއި އަދި އެ އެފަދަ ތުހުމަތުތަކަކާއެކުގައި ކަމަށް އޭރުގެ ރިޕޯޓުތަކުން ދައްކަ އެވެ.