މާލޭގެ ގެއެއްގައި ބަންދުކޮށްފައި ހުރި މީހަކު ސަލާމަތްކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި މާލޭގެ ގެއެއްގައި ހުއްދަ ނޫން ގޮތުގައި މީހަކު ބަންދުކޮށްފައި ހުރިކަމުގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 6:00 ހާއިރު އެވެ.
އެތަނުގެ ތަޅު ހަލާކުކޮށްލައިގެން އެމީހާ އެތަނުން ނެރެފައިވާ ކަމަށާއި އެއީ ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށްވެސް ފުލުހުން ބުންޏެވެ. ނަމަވެސް އެއީ ކޮން ގެއެއްކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
އެ މީހާ އައިޖީއެމްއެޗަށް ގެންދެވި ސިއްހީ ހާލަތު ބެލުމަށް ބަލަންޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
އެ މީހާއަށް ބޭރުފުށުން އެއްވެސް އަނިޔާއެއްވެފައިވާ ކަމަށް ފާހަގަ ނުކުރެވޭ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.