އެމްއެމްޕީއާރްސީގެ މާލީ ހާލަތު ގޯސްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ސަރުކާރުން އަމަލުކުރި ގޮތުން ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
އެމްއެމްޕީއާރްސީން އެ ކުންފުނީގެ މާލީ ހާލަތާ ގުޅޭގޮތުން ވާހަކަދައްކާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން އެކުލަވާލި ރިޕޯޓެއްގައި އެމްއެމްޕީއާރްސީގެ މާލީ ހާލަތާ ގުޅޭ ކަންބޮޑުވާ މައްސަލަތަކެއް ހިމެނުމާ ގުޅިގެންނެވެ.
މަޖިލީހުގެ ރިޕޯޓާ ގުޅިގެން އެމްއެމްޕީއާރްސީން ނެރުނު ބަޔާނެއްގައި ބުނީ މަޖިލީހުގެ ރިޕޯޓްގައިވާ ކަންކަން ބަލައިގަނެ ޖަވާބުދާރީވެ އިސްލާހީ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ.
ރާއްޖޭގެ ޓޫރިޒަމް އުފެއްދުމަށް 2010 ވަނަ އަހަރު އުފެއްދި އެމްއެމްޕީއާރްސީގެ ޖުމްލަ 200 މިލިއަން ރުފިޔާއަށް ވުރެ މައްޗަށް ވަނީ އިތުރުވެފަ އެވެ.
ކުންފުނީގެ ހާލަތު ގޯސްވީ ރައީސް ސޯލިހްގެ ސަރުކާރުގައި ފަހު ހަތަރު އަހަރު އަމަލުކުރި ގޮތުން ކަމަށާއި އެކަމަކު މިސަރުކާރުގައި އެޅި އިސްލާހީ ފިޔަވަޅުތަކާ އެކު ކުންފުނީގެ ހަރަދުތައް 10 ޕަސެންޓަށް ކުޑަކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
"ޕީއާރް އެޖެންސީތަކުގެ އަދަދު 21 އިން 6 އަށް [މިހާރު] ކުޑަކުރެވިފައިވެ. ހަމައެކަނި މި މަސައްކަތުގެ ސަބަބުން ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތްކުރެވިފައިވެ،" ބަޔާނުގައިވެ އެވެ.
އެމްއެމްޕީއާރްސީން ބުނީ ކުރިން ޓްރޭޑް ޝޯތަކާއި އެގްޒިބިޝަންތަކަށް ކުރަމުން ދިޔަ ހަރަދުގެ ތެރެއިން 34 ޕަސެންޓް ހަރަދު މިހާރު ކުޑަކޮށްފައިވާ ކަމަށެވެ.
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގައި މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ އިންޑިއ މާކެޓަށް ކަން ފާހަގަކޮށް ބަޔާނުގައި ބުނީ އެ ކުންފުނިން ލިވަޕޫލް އެފްސީއާ އެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ތާރީހީ ބައިނަލްއަގުވާމީ ކެމްޕޭނެއް ފެށުމަށް ނިންމާފައިވާ ކަމަށެވެ.
އެމްއެމްޕީއާރްސީއަށް މިދިޔަ އަހަރު އެކަނިވެސް 28 މިލިއަން ރުފިޔާގެ ގެއްލުންވެފައިވެ އެވެ.