މޯލްޑިވްސް ޕޮލިސް ސާވިސް

ދިވެއްސަކު ބަންދުކޮށްގެން ގެންގުޅުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

މާލޭގެ ގެއެއްގައި މީހަކު ބަންދުކޮށްގެން ގެންގުޅުނު އިތުރު މައްސަލައެއްގައި ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

ކުށުގެ ވެށިން ހައްޔަރުކުރީ ސ. ފޭދޫ، ސުވާސާގެ، އިބްރާހީމް ސައީދު (48 އ) އެވެ.

މިމައްސަލައިގައި ފުލުހުން ކުރި މަސައްކަތުން ސަލާމަތް ކޮށްފައިވަނީ އުމުރުން 44 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މާލޭގެ ގެއެއްގައި ހުއްދަ ނޫން ގޮތުގައި މީހަކު ހިފަހައްޓައި އަނިޔާކުރާ ކަމަށް ތުހުމަތު ކުރެވޭ މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އިއްޔެ ވަގުތެއްގައެވެ.

ފުލުހުން ބުނީ މިމައްސަލައިގެ ތަހުގީގުގެ ތެރެއިން ދިވެހި މީހާ ހުރި ތަން ހޯދައި މިއަދުގެ ވަގުތެއްގައި އެ މީހާ ސަލާމަތްކޮށް އިބްރާހީމް ސައީދު ހައްޔަރުކުރީ ކުށުގެ ވެށިން ކަމަށެވެ.

އަނިޔާ ލިބުނު ދިވެހި މީހާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންދިޔަ ކަމަށް ފުލުހުން ބުނި ނަމަވެސް އެ މީހާއަށް ލިބުނު އަނިޔާގެ އެއްވެސް ތަފްސީލެއް ފުލުހުން ނުދެ އެވެ.

ފުލުހުންނަށް މިއަދު ވަނީ މާލޭގެ ގެއެއްގައި ބިދޭސީއަކު ހުއްދަ ނޫން ގޮތުގައި ބަންދުކޮށްގެން ގެންގުޅުނު މައްސަލައެއްވެސް ހުށަހަޅާފަ އެވެ. ބިދޭސީ މީހާވެސް ވަނީ ފުލުހުންގެ މަސައްކަތުން ސަލާމަތްކޮށްފަ އެވެ.

ފުލުހުން ދަނީ މި ދެ މައްސަލަވެސް ތަހުގީގު ކުރަމުންނެވެ.