ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުންދާ އާ ސްކޫލަށް "ޝަހީދު އަލީ ސްކޫލް"ގެ ނަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނަންދެއްވައިފި އެވެ.
މި ސްކޫލަކީ ހުޅުމާލޭގެ ސްކޫލުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށް ވީހާވެސް ގިނަ ދަރިވަރުންނަށް ގެއާ ކައިރި ސްކޫލަކުން ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން އިމާރާތް ކުރާ ސްކޫލެކެވެ.
މި ސްކޫލުގެ ބިންގާ އަޅުއްވައިދެއްވީ ޑިސެންބަރު 23، 2023 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.
މި ސްކޫލަށް ނަން ދީފައި ވަނީ މީލާދީން 1557 އިން 1558 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ސުލްތާން އަލީ (ހަވަނަ) – އަލީ ރަސްގެފާނަށް ނިސްބަތްކޮށެވެ.
އަލީ ރަސްގެފާނަކީ އީމާންތެރިކަން ވަރުގަދަ، ހިތްޕުޅުގައި ގައުމީ ލޯބި ފުން އަދި ހިތްވަރުގަދަ ބޭފުޅެކެވެ. އަދި ދައުލަތަށް ވަފާތެރި، ދިވެހި ރައްޔިތުންނާ މެދު ހިތްޕުޅުގައި ކުލުނާއި އިޚްލާސްތެރިކަން ބެހެއްޓެވި ބޭފުޅެކެވެ. އަލީ ރަސްގެފާނުގެ ނަންފުޅު ތާރީހުގައި ފަވާލެވިފައިވަނީ ޕޯޗުގީޒުންނާ ދެކޮޅަށް ކުރެއްވި މަތިވެރި ޖިހާދު އަދި ވަތަނަށްޓަކައި ގުރުބާންވެ ވަޑައިގަތް އަގުމާތް ދިވެހި ދަރިއެއްގެ ގޮތުގައެވެ.
މި ސަރުކާރުގެ އެންމެ ފުރަތަމަ އުމްރާނީ ތަރައްގީގެ މަޝްރޫއަކީ ތައުލީމީ ބިނާއެއް ކަމުގައި ހެދުމަށްޓަކައި ބިންގާ އެޅި މި ސްކޫލަކީ 1500 އެއްހާ ދަރިވަރުންގެ ޖާގައިގެ ސްކޫލެކެވެ.
މި ސްކޫލުގައި އޭސީކޮށްފައިވާ 54 ކްލާސްރޫމާއި، މަލްޓިޕާޕަސް ހޯލަކާއި، ޒަމާނީ ވަސީލަތްތަކުގެ އިތުރުން ޓާފްދަނޑެއް ހުންނާނެ އެވެ.
ޝަހީދު އަލީ ސްކޫލް އިމާރާތް ކޮށްފައިވަނީ ދެވަނަ ފިޔަަވަހީގައި ހިޔާ ޓަވަރުގެ 16 ވަނަ ޓަވަރު ހުރި ދިމާލުގައެވެ.