ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުންގެ 33 ޕަސަންޓް ޒުވާނުންނަށް ހާއްސަކުރަން އިދިކޮޅު އެމްޑީޕީން މަޝްވަރާތައް ފަށައިފި އެވެ.
ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ 33 ޕަސަންޓް ޒުވާނުންނަށް ހާއްސަކުރަން ހިމެނީ ލޯކަލް ކައުންސިލް އިންތިހާބުގެ ތައްޔާރީތަކާ ގުޅޭގޮތުން އެމްޑީޕީގެ ހާއްސަ ޓީމަކުން އެކުލަވާލި ރިޕޯޓެއްގައެވެ.
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭ ތައްޔާރީތަކާ ބެހޭ ހާއްސަ ކޮމިޓީގެ މި ރިޕޯޓް ވަނީ އެމްޑީޕީން މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމަށް ހުށަހަޅާފަ އެވެ.
ކޮމިޓީގެ މުގައްރިރު އަދި ދާންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު ޔައުގޫބު އަބްދުﷲ ވިދާޅުވީ ޒުވާނުން ކަމަށް ބަލާނީ ދިވެހި ސަރުކާރުން ޒުވާނުން ކަމަށް ދެކޭ އުމުރުން 18-35 އަހަރާ ދެމެދު ކަމަށެވެ.
ޔައުގޫބް ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަން ފޯމު ހުށަހަޅާއިރު ޒުވާނުންނަށް "ހާއްސަ ޖާގަ" ޖަހާފައިވާ ގޮޅިއެއްގައި ފާހަގަ ޖަހަން ޖެހޭނެ ކަމަށެވެ. ޒުވާނުންގެ ޖާގައަށް ގިނަ ޒުވާނުންތަކެއް ކުރިމަތިލައިފިނަމަ ޖެހޭނީ އެ މީހުންގެ މެދުގައި ޕްރައިމަރީއެއް ބާއްވަން ކަމަށްވެސް ވިދާޅުވި އެވެ.
ކައުންސިލް އިންތިހާބުގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުންގެ 33 ޕަސަންޓަކީ އަންހެނުން ކަމަށް ހެދުމަށްވެސް އެމްޑީޕީން ވަނީ ނިންމާފަ އެވެ.