މާލޭގެ އިމާރާތަކުން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި އޭނާއަށް އިންސާފު ހޯދައިދިނުމަށް މާލޭގައި ބޭއްވި ސިލްސިލާ މުޒާހަރާތަކުގައި އިސްކޮށް އުޅުނު އަބްދުﷲ މަހްޒޫމް މާޖިދު އާއި އައިޝަތު ޝިމަންގެ މައްޗަށް ކުރަނީ ސިޔާސީ ދައުވާއެއް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ މަހްޒޫމާއި ޝިމަންގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރާތީ ހަރުކަށި އިބާރާތުން އެކަން ކުށްވެރިކުރާ ކަމަށެވެ. ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މުޒާހަރާ ކުރުމުގެ ހައްގު ބޭނުންކުރުމާ ގުޅިގެން ޖިނާއީ އަދުލުގެ ނިޒާމުގެ ތެެރައަށް ނުހައްގުން ވައްޓާލުމަކީ ތާކުންތާކުން ޖެހޭ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ ސިޔާސީ މަގުސަދެއް ހާސިލުކުރަން ޝަރީއަތް ކުރުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ. އަދި މަހްޒޫމާއި ޝިމަންއަށް ދައުވާކުރުމަކީ ޒުވާނުންގެ އަޑުކަނޑުވާލުމަށް ކުރާ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށްވެސް ވިދާޅުވި އެވެ.
މަހްޒޫމާއި ޝިމަންއަށް ދައުވާ ކުރި ނަމަވެސް އެ ދެ މީހުންނަށް ނަސޭހަތުގެ އެއްބަސްވުން ހެދުމަށް އަދިވެސް ފުރުސަތު އެބައޮތް ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ޔުމްނު އަށް އިންސާފު ހޯދައިދިނުމަށް ގޮވާލި މުޒާހަރާތަކުގެ ތެރެއިން މަހްޒޫމް އާއި ޝިމަން ކުރިން ހައްޔަރުކޮށް އެ މީހުންގެ ބަންދަށް ކޯޓުން މުއްދަތުވެސް ޖެހި އެވެ. އެކަމަކު ބަންދުގެ މުއްދަތު ހަމަވުމުން އެ މީހުން ވަނީ ދޫކޮށްލާފަ އެވެ.
މަހްޒޫމްގެ މައްޗަށް ދައުލަތުން ކުރަނީ އަނިޔާއެއް ކުރުމުގެ ދައުވާ އެވެ. ޝިމަންގެ މައްޗަށް ކުރަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާ އެވެ.
މިދިޔަ އޭޕްރީލް މަހު ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހާއްސަ ކޮމިޝަނެއް އުފައްދަވާފަ އެވެ.
ކޮމިޝަނުން އެކުލަވާލި ރިޕޯޓް މިދިޔަ ޖޫން މަހުގެ 17 ވަނަ ދުވަހު ވަނީ އާންމުވެސް ކޮށްފަ އެވެ.
ރިޕޯޓްގައި ވަނީ ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާގެ ސިޑިގޮޅީގެ ކުޑަދޮރުން ހައްވާ ޔުމްނު ރަޝީދު ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް ކޮމިޝަނުން ވަނީ ކަނޑައަޅާފަ އެވެ.